އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކެއް، މީގެކުރިން ދުވަހަކުވެސް ދެކިވަޑައިގެންފައި ނުވާކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވިދާޅުވެއްޖެއެވެ.
ބްރެޒިލްގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ޣައްޒާއިން ސަލާމަތުން ނެރުނު ބްރެޒިލްގެ ރައްޔިތުންނާއި، ފަލަސްތީނު ނަސްލުގެ ބްރެޒިލް ރައްޔިތުން ދަތުރުކުރި މަތިންދާ ބޯޓު ބްރެޒިލްއަށް ޖެއްސި ވަގުތު އެމީހުންނަށް މަރްހަބާ ދަންނަވަން އެއަރޕޯޓަށް ވަޑައިގެން ހުންނަވައެވެ.
އޭގެފަހުން ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދަނީ ވަރަށް އަނިޔާވެރި، ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ.
ބްރެޒިލްގެ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ހަމާސްއިން ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި، އެހެން ނަމަވެސް، ރައްދުގައި އިސްރާއީލުން ކުށެއްނެތް ކުޑަކުދިންނާއި، އަންހެނުންނާ ދެކޮޅަށް ހިންގަމުންގެންދަނީ ވަރަށް އަނިޔާވެރި، ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ.
ޣައްޒާގެ އެތަން މިތަނަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ބޮންއަޅައި ސުންނާފަތި ކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ބްރެޒިލްގެ ރައީސް ވިދާޅުވީ، ސްކޫލްތަކާއި، ހޮސްޕިޓަލްތަކަކީ ވަރަށް ބުރަ މަސައްކަތުން އިމާރާތްކުރާ ތަންތަން ކަމަށާއި، އެތަންތަން ސުންނާފަތި ކުރެވިގެން ނުވާނޭ ކަމަށެވެ.
ސުލްހައަށް ބްރެޒީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނޭ ކަމަށްވެސް ލޫލާ ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ބްރެޒީލުން ކުރަމުންދާ މަސައްކަތުގައި، އިންސާނީ ސުލޫކު އިސްކޮށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ރައީސުންނަށް ބްރެޒިލްގެ ރައީސް ގޮވާލެއްވިއެވެ.
ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތަކާ ގުޅިގެން ބްރެޒީލުން ގެންދަނީ އިސްރާއީލާ ދެކޮޅަށް ހަރުކަށި ބަސްތައް ބުނަމުން ގެންދެއެވެ.
ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުންވެސް ތާއީދުކުރަނީ ފަލަސްތީނަށެވެ.
މިދިޔަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މުޅި ޣައްޒާއަށް ބޮންއަޅައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 11،200 އިން މައްޗަށް ގޮސްފައިވާއިރު، ގިނައިން ޝަހީދުވެފައިވަނީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ޓެރަރިސްޓު އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގައި، ގަތުލުއާންމުތައް ހިންގައި، ނަސްލު ނެތިކޮށް ހުސްކޮށްލަމުން ގެންދާއިރުވެސް، ހަނގުރާމަ ހުއްޓާލަން ގޮވާލަން އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.