- އިސްރާއީލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ސިޓީގައިވޭ
ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ސްރީލަންކާގެ ޕާލަމެންޓެ މެމްބަރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ސްރީލަންކާ ޕާލަމެންޓް މެމްބަރުން މިކަން ކުށްވެރި ކުރެއްވީ، ސްރީލަންކާގެ ޕާލަމެންޓްގައި ހިމެނޭ 225 މެމްބަރުންގެ ތެރެއިން 159 މެމްބަރުން ސޮއި ކުރައްވައި އދގެ ސެކްރެޓަރީ ޖެނެރަލްއަށް ފޮނުއްވި ސިޓީއެއްގައެވެ.
މިސިޓީ، ސްރީލަންކާގައި ހުންނަ އދގެ އޮފީހާ ހަވާލުކޮށްފައިވަނީ މެމްބަރުން އެ އޮފީހަށް ވަޑައިގެންނެވެ.
އަދި ސްރީލަންކާގައި ހުންނަވާ ފަލަސްތީނު ސަރުކާރުގެ މަންދޫބާވެސް ސިޓީގެ ކޮޕީއެއް ހަވާލުކޮށްފައި ވެއެވެ.
މިސިޓީގައި، ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައި ވެއެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދަނީ ވަރަށް އަނިޔާވެރި ޖަރީމާތަކެއް ކަމަށާއި، އެއްވެސް ގޮތެއްފޮތެއް ނުބަލައި ހޮސްޕިޓަލްތަކަށް ބޮންއެޅުމަކީ ޖެނީވާ ކޮންވެންޝަނާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް، ސްރީލަންކާ ޕާލަމެންޓް މެމްބަރުންގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ހޮސްޕިޓަލްތަކަށް ބޮންއެޅުމަކީ، އަދުލުއިންސާފުގެ ހަމަ ގަބޫލުކުރާ ދުނިޔޭގެ އެންމެންވެސް ކުށްވެރި ކުރަންޖެހޭނޭ ކަމެއް ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ސްރީލަންކާ ޕާލަމެންޓް މެމްބަރުންވަނީ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތައް ހުއްޓުވަން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރަން އދއަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ގޮވާލައްވާފައެވެ.
މިއީ، ސްރީލަންކާގެ ޕާލަމެންޓުން، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓުވަން ގޮވާޅި ދެވަނަ ފަހަރެވެ.