ދިވެހި ހަޒާނާއަށް މަދުން ނޫނީ ދަތިނުވާ މިންވަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަތިކޮށްފިކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީ ސޯލިހާއި، އެމްޑީޕީގެ ދައުރު ނިންމަނީ މަދުން ނޫނީ ދިވެހި ވެރިކަމެއްގައި ދިވެހި ހަޒާނާއަށް ދަތި ނުވާ މިންވަރަށް ދަތިކޮށްފައިކަމަށެވެ. އެހެންކަމުން ރާއްޖެ މިއޮތީ ވަރަށް ނާޒުކު ފައްރެއްގައިކަމަށެވެ.
މިއަދު ހުވާކުރައްވާ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށްވެސް އަވަހަށް ބަޖެޓް ސަޕޯޓް ހޯދަން ދަތިވާނެކަމަށާއި، ޑިސެމްބަރު ވާނީ އުނދަގޫ މަހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން ރައީސް ނަޝީދު ވިދާޅުވިއިރު، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ބަޖެޓްވެސް އަދި މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުން ލަސްވާ ނަމަ ބަޖެޓު ހުސްވެފައި ހުރި ކަންކަމަށް ޚަރަދުކުރާނެ ފައިސާ ހަމަޖައްސަން އުނދަގޫވާނެ ކަމަށް، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.
މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ކުރުމަށް ފަހު ދައުލަތުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރުކުރަން ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ފަހުކޮޅުގައެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 49.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.