މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،600،382 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އާޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،417،529 ފަތުރުވެރިންނެވެ.

މިއަހަރުގެ ވަކިވަކި މަސްތަކުގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:

  • ޖެނުއަރީ: 172،499 ފަތުރުވެރިން
  • ފެބްރުއަރީ: 177،915 ފަތުރުވެރިން
  • މާޗް: 173،514 ފަތުރުވެރިން
  • އޭޕްރީލް: 164،357 ފަތުރުވެރިން
  • މޭ: 120،959 ފަތުރުވެރިން
  • ޖޫން: 120،363 ފަތުރުވެރިން
  • ޖުލައި: 145،620 ފަތުރުވެރިން
  • އޮގަސްޓް: 154،854 ފަތުރުވެރިން
  • ސެޕްޓެމްބަރު: 130،967 ފަތުރުވެރިން
  • އޮކްޓޯބަރު: 159،141 ފަތުރުވެރިން
  • ނޮވެމްބަރު 15ގެ ނިޔަލަށް: 80،193 ފަތުރުވެރިން

ފަތާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު 5017 ފަތުރުވެރިން ޒިޔާރަތްކުރާއިރު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަސް ހޭދަކުރެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 183،771 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 172،774 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޗައިނާއިން މި މުއްދަތުގައި 169،720 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސްޕެއިންއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،278 ތަނަކަށް މިހާރު ހުއްދަ ދީފައިވާއިރު، އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،274 ތަނަކުންނެވެ. އެއީ 174 ރިސޯޓާއި، 14 ހޮޓަލާއި، 923 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީއެވެ.

މި އަހަރަށް އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ.