ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފިއެވެ.

ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފައިވާ އިދާރާތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، މާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް އިލްޔާސް އަހުމަދު، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް ފާތިމަތު އަހުމަދު، މާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް އަހުމަދު ތޮލްހަތު އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އިސްމާއީލް ރަޝީދު ވަނީ އައްޔަންކުރައްވާފައެވެ.

މިއަދު ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގެ ރަސްމީ މަސައްކަތްތައް ފެށިގެންދާއިރު ވަގުތީ ގޮތުން ޕީއެސްއިން އައްޔަންކޮށްފައިވާ ވުޒާރާތަކަށް ދާއިމީ ޕީއެސްއިން ހޯދުމަށް ސިވިލް ސާވިސްއިން އިއްޔެވަނީ އިއުލާނުކޮށްފައެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ޕީއެސްގެ މަޤާމުގެ މުސާރައަކީ 20،500 ރުފިޔާއެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ.

އަދި އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސާވިސްއިން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.