ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ޞުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަލީދު އަބޫޢަލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ޞުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ފަލަސްޠީނުގެ ސަފީރު ވަނީ، ޣައްޒާގައާއި ފަލަސްޠީނުގެ އެހެނިހެން ސަރަޙައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި، އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ބެހޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި އަދި ފަހިވާންޖެހޭ އިތުރު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ފަލަސްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުމާއި އަޚްވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަރުކަށި ޔަހޫދީން ފެށި ގަތުލުއާއްމުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މީހުންގެ ޢަދަދު 11,000 ފަހަނައަޅައި ގޮސްފައިވާއިރު އޭގެތެރޭގައި 4،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ހުއްޓުމެއް ނެތި ހަނގުރާމަ ކުރަމުން އަންނަތާ 43 ދުވަސްވެފައިވާއިރު ޔަހޫދީންގެ ހަމަލާތަކުގެ ރައްދުގައި ޙަމާސްއިން އަންނަނީ އިސްރާއީލުގެ ޔަހޫދީންނާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތައް ސިއްސުވާލާފަދަ ޙަމަލާތަކެއް ދެމުންނެވެ. އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ދެމުންދާ ހަމަލަތަކުގައި ހޮސްޕިޓަލުތަކާއި ސުކޫލްތަކާއި ކާބޯތަކެއްޗާއި ބޭސް ރައްކާ ކޮށްފައިވާ ގުދަންތަކާއި ސޯލާ ޕެނަލްތަކަށާއި ފެން ޕްލާންޓުތަކާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.
ބައިނަލްއަގުވާމީ ޤާނޫނުތަކުން ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ހާލަތުގައި ވެސް ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވާ ތަންތަންކަމަށްވީއިރު ޔަހޫދީންވަނީ އެމެރިކާގެ އެހީތެރިކަމާއެކު އައްޝިފާ ހޮސްޕިޓަލަށްވެސް ވަދެގެންފައެވެ.
ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ ޝިފާ ހޮސްޕިޓަލަކީ މަރުގެ ސަރަހައްދެއްގެ ގޮތުގައި ލޭބަލްކޮށް، އެ ތަނުގައި ތިބި ފަލަސްތީންގެ މީހުން ހުސްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ގޮވާލައިފައެވެ.
ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައިވަނީ ހޮސްޕިޓަލުގެ ތެރޭގައި ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތައްދީފައިވާކަމުގެ ހެކި ފެނިފައިވާކަމަށާއި ހޮސްޕިޓަލުގެ ދޮރުމަތިން 80 އަށް ވުރެ ގިނަ މީހުން ވަޅުލާފައިވާ ގަބުރަސްތާނެއްވެސް އެތަނަށް ދިޔަ ޑަބްލިއުއެޗްއޯގެ ޓީމަށް ފެނިފައިވާކަމަށެވެ.