ރައީސް އޮފީހުން މުވައްޒަފުން ވަކިކުރާކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުގެ ފާޑުކިޔުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުވެއްޖެއެވެ.

ރައީސް އޮފީހުގައި ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މި ސަރުކާރުން ވަކިކުރަމުންދާކަމަށް ބުނާ ސްކްރީންޝޮޓްތަކެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކޭޓްރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވަނީ، ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނާއި ލީގަލް އެފެއާޒް ސެކްޝަނުން މީހުން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭކަމަށް ވިދާޅުވެ އެ މީހުންނަކީ ވަޒީފާއަށް ތަމްރީނުވެފައިވާ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހުންކަން ފާހަގަކުރައްވާފައެވެ. އަދި އައު ސަރުކާރު ހިންގާއިރު ދާއިރާއަށް އައު މީހުން ލުމަކީ ރަނގަޅު ގޮތް ނޫންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅިގެން ބައެއް ފަރާތްތަކުންވަނީ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތައް ނުފެންނަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އެހެންނަމަވެސް އެނގިފައިވާގޮތުން ވަކިކުރަމުންދަނީ ދައުލަތުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގައި ތިބެ ރައްޔިތުންނަށް ދަތިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގި ފަރާތްތަކެވެ.

ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް އެމަނިކުފާނުވަނީ ރައްޔިތުންނަށް ޢަދުލުވެރިވާނެ ކަމަށާއި ބޭއިންސާފެއް ނުވާނެކަން ހާމަކުރައްވައި ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެކަމަށާއި ސަރުކާރުގެ ދެފުށް ފެންނާނެކަމަށާއި ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުގައި ދައުލަތުގެ މުދާ އުސޫލުން ބޭރުން ބޭނުންކޮށް އިންސާފެއްނެތި ގާބިލުނޫން މީހުންނަށް ވަޒީފާތައް ބަހާލާފައިވުމުން ގިނަ ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.