ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް ކަމާ ގުޅުންހުރި ވުޒާރާތަކުން މިހާރު މަސައްކަތް ފައްޓަވާފައިވާއިރު މައުލޫމާތު ލިބުނުހާ އަވަހަށް އެ މުއައްސަސާތަކުން ރައްޔިތުންނަށް އެ މައުލޫމާތު ހިއްސާކުރައްވާނެކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ވަނީ އެދިފައެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް ރަސްމީކޮށް ރާއްޖެއިން އެދުނުއިރު ކޮންމެ ގައުމެއްގައިވެސް ރަތް ރޮނގެއް އޮންނާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަކީ ދިވެހި ބިމުގެ ރަތް ރޮނގުކަމަށްވީއިރު، މި ހައްގު ނިގުޅައިގަންނަން ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ޤައުމަކަށް އިސްކަން ނުދެއްވާނެކަމަށެވެ. އެހެން ނަމަވެސް، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ ކަމަށާއި، ޤައުމުތަކާއެކު ރަޙްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމް ކުރައްވާނެކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ޙައްޤު އޮންނަންވާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

ހުވާކުރާ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށާނެކަމަށް ހުވާކުރެއްވުމުގެ ކުރިން، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަލްޖަޒީރާ އާ ވާހަކަފުޅުދައްކަވަމުންވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަކީ 'މިނިވަންކަމާއި ސިޔާދަތުގެ' ތެރެއިން މި ސަރުކާރުން 'ހަފްތާ 14' ގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.