ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒަކީ ވެރިކަމުގެ ކޮންމެ ދުވަހަކީވެސް ނަތީޖާ ނެރޭނެ ދުވަހަކަށް ހެދުން ކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ "ހަފްތާ 14″ގެ ނަމުގައި ސަރުކާރުން އިފްތިތާހުކުރި މަގުޗާޓްގައި ހިމަނާފައިވާ ކަންކަން ހާސިލްކުރުމުގެ އިތުރަށް ވެރިކަމުގެ ކޮންމެ ދުވަހަކީވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކާމިޔާބީތައް ހާސިލްކުރާ ދުވަހަކަށް ހެދުމަށް ރައީސް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ހަލީލް ވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެން ކަމަށް ވިދާޅުވެފައެވެ.
"ހަފްތާ 14″ގެ ނަމުގައި އިފްތިތާހުކުރި މަގުޗާޓްގައި މިނިވަންކަމާއި ސިޔާދަތު، އިސްލާމް ދީނާއި ގައުމިއްޔަތު، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ، އިގްތިސާދާއި ތިމާވެށި، އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު، ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު، ތައުލީމާއި ތަމްރީނު އަދި ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހުގެ ދާއިރާގެ ތެރެއިން ޖުމްލަ 161 ވައުދެއް ފުރިހަމަކުރުމަށް އަމާޒުހިފާފައިވެއެވެ.
އައު ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށް ކަނޑައަޅާފައިވާ 161 ކަންތައްތަކަށް ވުރެ ގިނަ ކަންކަން އެ މުއްދަތުގައި ހާސިލް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ މީގެކުރިންވެސް ރައްޔިތުންނަށް އަރުވާފައެވެ.
ވޭތުވެދިޔަ ސަރުކާރުގައި ފުރަތަމަ 100 ދުވަސް ބަންދު ދުވަސްތައް ނުލައި ގުނާފައިވާއިރު އެ ސަރުކާރުގެ ތަރައްގީގެ ދުވެލި މަޑުޖެހި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފި ކަންކަމުގެ ބޮޑުބައި ހުރީ ނުނިމިއެވެ.
ރައްޔިތުން ބޭނުންވަނީ 24 ގަޑިއިރު ހިދުމަތުގައި އޮންނަ ސަރުކާރެއް ކަމަށާއި ބަންދު ދުވަސްތައް ނުލާ 100 ދުވަސް ގުނާ ސަރުކާރެއް ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައިވެސް ވިދާޅުވެފައެވެ.