ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި މަގާމުން ވަކިކުރި އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަނބުރާ އެ ވަޒީފާއަށް ނުކުމެއްޖެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ޝުޖާއު އެ މަގާމުން ވަކިކޮށް، ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ.
ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލް ހިންގާ ވަގުތީ އިމާރާތުގެ ހާލަތާއި، އައު އިމާރާތެއްގެ މައްސަލާގައި ބެލެނިވެރިން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދަނިކޮށެވެ. އަދި ޕްރިންސިޕަލް މަގާމުން ވަކިކުރި މައްސަލަ ހޫނުވެ، އެކަމާ ގުޅިގެން ބެލެނިވެރިން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
މި މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއިރު، ޓްރައިބިއުނަލް އިން ވަނީ އޭނާއަށް ވަޒީފާ ދޭން އަންގާފައެވެ.
ވަޒީފާއާ ބެހެ ޓްރައިބިއުނަލުން ނިންމީ އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށާއި 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ ބަދަލުކުރަން ނިންމައި އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް އަންގަވައިފައެވެ.
"2023 ނޮވެމްބަރު 20 އިން ފެށިގެން އަލްމަދަރުސަތުން އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާ ހަވާލުވެ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލު ހިންގުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ،" ޝުޖާއުއަށް ފޮނުވި ސިޓީގައިވެއެވެ.
އޭނާ މިހާރު ވަނީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގެންފައެވެ. އަދި މިއަދު މަސައްކަތަށް ވަނީ ނުކުމެފައެވެ.