ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލައިގައި އެކަމަނާއަށް ނޯޓިސް ފޮނުވައިފިއެވެ.

މި މައްސަލައިގައި އީވާއަށް ނޯޓިސް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ޖުމުލަ 50 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އީވާއަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވާއިރު، އެކަމަނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅީ މިމަހުގެ 13ވަނަ ދުވަހުގައެވެ.

މި ގަރާރުގައި ސޮއިކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 49 މެމްބަރުންނާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނާގޮތުން، އީވާ މަޖިލީހުގެ ނައިބުރައީސްގެ މަޤާމަށް އައްޔަން ކުރީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށާއި، މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކުރިޔަށް ނުގެންގޮސް ޤަވައިދާ ޚިލާފަށް އީވާ އެ މައްސަލައަށް ހުރަސް އެޅުއްވި ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން އީވާ އަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކަށް ވެފައި ރައީސް ނަޝީދުގެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 75ވަނަ މާއްދާ އާއި ޚިލާފަށްކަމަށް އެމްޑީޕީން ބުނެއެވެ.

މިއީ އީވާ ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ދެވަނަ ފަހަރެވެ.

އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަކިކުރަންވެސް ޤަރާރެއް ހުށަހަޅާފައެވެ. މި މައްސަލަ ކުރިޔަށް ނުގެންގޮސް ލަސްތަކެއް ވެގެންދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިމައްސަލަ ހޫނުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ.

އިސްތިއުފާދެއްވާކަން ހާމަކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި، މަޖިލީހުގެ ރައީސްކަމުގައި އެމަނިކުފާނު އިތުރަށް ހުންނަވާނަމަ، މަޖިލީހުގެ މެޖޯރިޓީ ފާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުން ކަމަށް ފެނިވަޑައިގަންނަވާތީ، މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާ ކަމަށެވެ.

ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންގެ މަސްލަހަތަށް ޚިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެމިތިއްބަވާނެކަމަށް އުއްމީދުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ އިސްތިއުފާއަކީ އަޅުގަނޑުމެންގެ ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެކަމެއްކަމަށް އުއްމީދު ކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލެމެވެ.