ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ލިސްޓު އަދާހަމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023ވަނަ އަހަރުގެ ފަހު ދައުރުގެ 23ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ނަންތައް ކަނޑައެޅުމުގައި ބަލާފައިވަނީ މަޖިލީހުގެ ގަވައިދުގެ 44ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންނަށް ކަމަށެވެ.
އެއީ:
1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
މި މެމްބަރުން މަޖިލީހުގައި ހޭދަކުރައްވައިވާ މުއްދަތަށް ބަލާއިރު މެމްބަރު ސިޔާމް މެދުނުކެނޑި 18 އަހަރާއި 8 މަސް ދުވަސް މަޖިލީހުގައި ހޭދަކުރައްވާފައިވާއިރު މެމްބަރު ޤާސިމް މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް، މެމްބަރު ސަލީމް މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް، އަބްދުލްޣަފޫރު މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް އަދި މެންބަރު އާމިރު މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް ޚިދުމަތް ކުރައްވާފައިވެއެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، ފުރުސަތު ދެއްވާނީ މެންބަރުކަން ކުރައްވާފައިވާ މުއްދަތަށް އިސްކަން ދީގެން ކަމަށާއި ހަމަހަމަވާ ހިނދު އިސްކަން ދޭނީ އުމުރުން އެންމެ ދުވަސްވެފައިވާ މެންބަރަށް ކަމަށެވެ.
އަލަށް އިއުލާނު ކުރި ލިިސްޓުގައި މީގެ ކުރިން ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ލިސްޓުގެ އެއް ވަނައިގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެ ވަނައިގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިނުގަންނަވައެވެ.