ހަމާސް ނައްތާލުމަކީ އިސްރާއީލަށް ވާނޭ ކަމެއް ނޫން ކަމަށް ރައްޔިތުންެެގެ މަޖިލީހުގެ އަދި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އިސްރާއީލަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެކްސްޕޯޓްކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން ހުއްޓުވައި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ލިބިވަޑައިގެން ފުރުސަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި މެދު ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވީ، މުޖާހިދުންގެ ޖަމައާތް "ހަމާސް"އަކީ މުސްލިމުން އަޅުވެތިކުރުމާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ބައެއް ކަމަށާއި އެފިކުރު ނައްތާ ނުލެވޭނެ ކަމަށެވެ.

ފަލަސްޠީން ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުން، ތަންތަން ލޫޓުވަމުން، އިމާރާތްތައް ފަނާކުރަމުން، އަދި މަގުތައް ހަލާކުކޮށް، މުޅި ހަޟާރަތެއް ނައްތާލަމުން އެގެންދަނީ އިންސާފުންކަމަށް ބުނާނޭ ހަމައެކަކުވެސް މިދުނިޔޭގައި ނޫޅޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުންވެސް މިހަނގުރާމަ ހުއްޓާލުމަށް ގޮވަމުންދާ ކަމަށެވެ. އަދި އިސްރާއީލުން ބުނާގޮތުން މިއީ ހަމާސް ހޯދުމަށް ކުރަމުންދާ ހަނގުރާމައެއް ކަމަށާއި ހޮސްޕިޓަލެއްގެ އަޑީގައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ހަދައިގެން ހަމާސް ތިބި ކަމަށް ބުނެ ޣައްޒާގެ ހޮސްޕިޓަލްތައް އިސްރާއީލުން ބޮން އަޅައި ފަނާކުރަމުންދާ ކަމަށް ރައީސް ނަޝިދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ހަމާސް"ގެ ފިކުރު ފިލުވާނުލެވޭނެ ކަމަށާއި އެޖަމާއަތް ނައްތާނުލެވޭނެ ކަމަށެވެ. އެއީ އިސްރާއީލަށްވެސް ހުޅަނގުގެ އެއްވެސް ބާރަކަށްވެސް ވާން އޮތް ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުންގެ މިހަނގުރާމައަކީ އައު ކަމެއް ނޫން ކަމަށާއި އިންސާނިއްޔަތަށް ވީހާ ދުވަސް މިކަމަށް ވެއްޖެ ކަމަށެވެ. އަދި އދ އަށްވެސް މިމައްސަލައަށް ހައްލެއް މިހާތަނަށް ހޯދިފައިނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ރައްޔިތުންނަށް ފަލަސްތީނުގެ ބިމުން ތިންބައިކުޅަ އެއްބައި ޖާގަ ދިން ހިސާބުން އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަތް ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި އީމާންތެރި ކަމަށް ރައީސް ނަޝީދުވަނީ ތައުރީފުކުރައްވާފައެވެ.

ފަލަސްތީނު މީހުން އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި މުޅި އިންސާނިއްޔަތުގެ މަސައްކަތެކެވެ. އެއީ ހަމަ އެކަނި ފަލަސްތީނު ރައްޔިތުންގެ މަސައްކަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.