ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ޖުޑިޝަލް ސަރވިސްއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޤާނޫނުއަސާސީގެ 54ވަނަ މާއްދާ އާއި، 18ވަނަ މާއްދާ އާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18ވަނަ މާއްދާގެ (ނ) އާއި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، އަދި 34 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.6 އާއި 6.4 އާއި ޚިލާފުވެފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުން 2023 ނޮވެންބަރު 19 ވަނަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކޮށްފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، މިއަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުގަ އާއި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައި ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.