ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އާންމުކުރި ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށް އާ ސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ފްލެޓު ލިބޭ 4،000 މީހުންގެ ލިސްޓު އާންމު ކުރީ، އެ ލިސްޓު އެކުލަވާލާފައިވަނީ އުސޫލުން ބޭރުން ކޮރަޕްޝަން އެކުލެވޭހެން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރެ, ގުރު ނެގުމަށްފަހު އެގްރީމަންޓުގައި ސޮއިކުރަން ފެށުމާއެކު އޭސީސީން ވަނީ އެ މަޝްރޫއު މަޑުޖައްސާލަން ވެސް އަންގާފައެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ހަމައަށް ދޫކޮށްފައިވާ ބިންތަކާއި ފްލެޓްތައް އެގޮތަށް ކުރިއަށް ގެންދަވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަަމަށެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައި އަވަސްއަރުވާލައިގެން އެ މަސައްކަތް ނުކުރެއްވުމަށް މީގެކުރިން ރައީސް ޑރ. މުއިއްޒު އެންގެވި ނަމަވެސް ކުރީ ސަރުކާރުން ވަނީ އެކަން ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.

އަޅުގަނޑުމެން ރިވިއު ކުރާނަން ފްލެޓު ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ. ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރެއްވި އެެއްވެސް ބިމެއް ނޫނީ ފްލެޓު ދޫކުރުން މަޑުޖައްސާލުމަށް. އެ ހިސާބުން ދޫކޮށްފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ގެދޮރުވެރިކުރުމަށާއި ބޯހިޔަވާހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ފްލެޓުތައް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމް ކުރާކަށް. އެއީ ރާވާފައި އެބަ ހުރި ވަރަށް ބޮޑެތި މަޝްރޫއުތަކެއް.
ޑރ. އަލީ ހައިދަރު އަހްމަދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އާއެކު ޖުމްލަ 8000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފުލެޓުތަކުގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އާއެކު ޖުމްލަ 6000 ރުފިޔާއެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ.