މިއަހަރުގެ ބާކީ ބައިގައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅި 6.5 ބިލިއަން ރުފިޔާއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހައެޅީ 6.5 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މީޑިއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށްވެސް ފައިސާ ހިމަނާފައެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ހިދުމަތްދޭ ކުންފުނިި މީޑިއާތަކަށް ހާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓުވެސްވަނީ ފާސްކޮށްފައެވެ.