އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށް އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރި އަވަށްޓެރި ގައުމު ކަމަށާއި، ދިވެހީންނަށް އެންމެ އެހީތެރިވެދޭ ގައުމަކީ ވެސް އިންޑިއާ ކަމަށެވެ. އެހެންކަމުން އިންޑިއާ އާ ދެކޮޅަށް ދިވެހިން ތެދުވެ، އެ މަގުން ކަންކަން ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އާ ސަރުކާރުން ހާމަކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ ހެލިކޮޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންނެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
ބޭނުމެއްނޫ އިންޑިޔާމީހުން ތިބޭކައް އަވަހައް ފޮނުވާލާ