ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރާނީ މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިޙް ކަމަށް އެ ޕާޓީން ކަނޑައަޅައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލި ފުރުސަތު މި މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައި ވާއިރު، އެ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ސައިފް އެކަންޏެވެ. އެހެންކަމުން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޕްރައިމަރީއަކާ ނުލާ ދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލްގެ ޖުމްލަ ހަތަރު ގޮނޑިއެއް މިވަގުތު ވަނީ ހުސްވެފައެވެ. އެގޮތުން ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ ތެރެއިން ބައެއް މެންބަރުން މިހާރު ވަނީ އައު ސަރުކާރުގެ ބައެއް މަގާމުތަކަށް އައްޔަން ކުރައްވާފައެވެ. ބެލެވޭގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު މެންބަރުން އިސްތިއުފާދެއްވުން އެކަށީގެންވެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު ހިމެނެއެވެ.