ޣައްޒާގައި ހުންނަ އިންޑޮނޭޝިޔާ ހޮސްޕިޓަލަށް އިސްރާއީލުގެ ޓެރަރިސްޓުން ދިން އުދުވާނީ ހަމަލާތައް، އިންޑޮނޭޝިޔާ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

އިންޑޮނޭޝިޔާ ސަރުކާރުގެ ޚާރިޖީ ވަޒީރު ރިޓްނޯ މަރްސުދީ ވިދާޅުވީ، އިންޑޮނޭޝިޔާ ހޮސްޕިޓަލަށް ހަމަލާދިނުމަކީ، ކަނޑައެޅިގެން ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށެވެ.

އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރުވަނީ، އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުތައް ހުއްޓުވަން ލިބިފައިވާ ހުރިހާ ގާބިލްކަމަކާއި، ނުފޫޒެއްގެ ބޭނުންކުރުމަށް އިސްރާއީލާ ގާތް ގުޅުން އޮންނަ ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ.

ޣައްޒާގައި ހުންނަ އިންޑޮނޭޝިޔާ ހޮސްޕިޓަލަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި 12 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވިއެވެ.

އަދި އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިހާރުވެސް ތިބީ ޓޭންކްތައް އަތުރައި ހޮސްޕިޓަލް ވަށާލާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުން ހަމަލާދީފައިވަނީ ހޮސްޕިޓަލުގެ ސާޖިކަލް ވޯޑަށް ކަމަށެވެ. މި ހަމަލާގައި ޝަހީދުވި 12 މީހުންނަކީވެސް ހޮސްޕިޓަލުން ހިމާޔަތް ހޯދައިގެން ތިބި މީހުން ކަމަށް ބުނެފައި ވެއެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ޑޮކްޓަރުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަނެއްކޮޅުން، އިންޑޮނޭޝިޔާ ހޮސްޕިޓަލުން ނުކުންނަ ކޮންމެ މީހެއްގެ ގަޔަށް އިސްރާއީލުގެ ޓެރަރިސްޓުން ބަޑިޖަހަމުންދާ ކަމަށާއި، އެގޮތަށް ބަޑިޖަހައި ޝަހީދުކޮށްލި މީހުންގެ ހަށިތައް މަގުތައް މަތީގައި އަދިވެސް ހުރިއިރު، އެމީހުން ވަޅުލާންވެސް މީހަކަށް ގާތްވާން ނުކެރޭ ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހޮސްޕިޓަލްތަކަށް ހަމަލާދިނުން އާންމު ކަމަކަށް ހަދާފައި ވެއެވެ.

ހޮސްޕިޓަލްތައް ޓޭންކުތަކުން ވަށާލުމަށްފަހު ބަލިމީހުން ގޮވައިގެން ނުވަތަ ނުލައިވެސް ހޮސްޕިޓަލްތަކުން ނުކުތުމަށް ޑޮކްޓަރުންނާއި، ސިއްހީ ޚިދުމަތްތެރިންނަށް އަމުރުކުރެއެވެ.

އަދި އެތައްހާސް އާންމުން ހިމާޔަތް ހޯދައިގެން ތިބުމާއެކުވެސް ހޮސްޕިޓަލްތަކަށް ބޮޑުބަޑިން ހަމަލާތައް ދޭން ފަށައެވެ.

އިސްރާއީލުގެ ޓެރަރިސްޓުންގެ ޝިކާރައަކަށް އެންމެފަހުން ހަދާފައި މިވަނީ އިންޑޮނޭޝިޔާ ހޮސްޕިޓަލެވެ.