ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށާއި، ކަސްޓަމްސް ކޮމިޝަނަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަސްޓަމްސްގެ ކޮމިޝަނަރަކަށް އައްޔަނުކޮށްފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދު އެވެ. މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި އޭނާ ކުރެއްވިއެވެ.
ޕްރިޒަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވީ ހަސަން ޒަރީރުއެވެ. އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު މިދިޔަ ހޮނިހިރު ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި މަގާމުތަކުގެ އިތުރުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު, ބޮޑުފެންޑާގެ, ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކޮށްފަ އެވެ. އޭނާ ވަނީ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ތިން ބޭފުޅަކުވެސް އައްޔަން ކުރައްވާފައެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށްް އްމަދު ފަހުމީ ހަސަން އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމަށްް އިބްރާހީމް އާމިރު އާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރގެ މަގާމަށްް އަލްއުސްތާޒާ ފާތިމަތު ޝަމްނާޒް އަލީ ސަލީމްއެވެ.