މިއަދުން ފެށިގެން ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފިއެވެ.

މި މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝަމްއާން އައްޔަން ކުރެއްވީ އިއްޔެއެވެ.

މިކަން އިއުލާން ކޮށް އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ މިއީ މަގާމުގެ މަސްއޫލިއްޔަތު ތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޝަމްއާން ފެށްޓެވި މަސައްކަތުގެ ދަށުން ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ނިންމެވި ނިންމުމެއް ކަމަށެވެ.

އަދި ޝަމްއާން މިގޮތަށް ނިންމެވީ އިމުގާ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު / ފޮޓޯ: އިމިގްރޭޝަން

އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 2020 ވަނަ އަހަރުގެ ޖުލައި 15 ގައެވެ. އަދި އެއަށްފަހު 2021 ވަނަ އަހަރުގެ މާޗު 14 އިން ފެށިގެން އޮންލައިންކޯށް ފުރާ ފޯމެއްގެ ގޮތުގައި ހަމަޖައްސާފައިވެއެވެ. އޭރުއްސުރެން ފެށިގެން ރާއްޖެއަށް އަންނަ އަދި ފުރާ ހުރިހާ މީހުން މި ފޯމް ފުރިހަމަ ކުރަން ޖެހެއެވެ.

މިއަދުން ފެށިގެން ދިވެހީން މި ފޯމު ފުރަން ނުޖެހުނު ކަމުގައި ވީ ނަމަވެސް ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންނާއި ފަތުރުވެރީން މި ފޯމް ފުރަން ޖެހޭނެއެވެ.