މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަން މިގޮތަށް ކުރުމަށް މަޝްވަރާކޮށްފައިވަނީ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާ އެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މިއީ، ކުރިއަށް އޮތް 2024 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރަން ހުށަހެޅި ކަމެކެވެ. ދެ ގައުމުގެ ރަޙުމަތްތެރިކަމުގެ ރަމުޒުތަކެއްގެ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމުގެ އިތުރުން، ދިވެހިރާއްޖޭގެ މަގަކަށް މިޞްރުގެ ނަމެއް ދިނުމަށް މި މަޝްވަރާ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވެއެވެ.

މީގެއިތުރުން ވެސް ތަފާތު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުންވާނެ މުދައްރިސުން މިޞްރުން ހަމަޖެއްސެވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި މަސައްކަތަކީ މުސްތަޤުބަލުގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން މި ރާއްޖޭގެ އިސްލާމީ ވަޙުދަތު، ޤައުމީވަންތަކަމާއި އަދި ދެޤައުމުގެ ސަގާފީ ކަންކަން ވަރުގަދަވެގެން ދާނެކަން މިޞްރުގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ،

މީގެއިތުރުން، މިޞްރުގައި ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒެއް ޤާއިމުކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް އެދި ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުމުން، އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގައި މިޞްރުގެ އެހީތެރިކަން ލިބޭނެކަމާއި، ޚާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިޞްރުގެ ސަފީރު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު ވަނީ، ދިވެހިންގެ ސަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއްކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި މިސްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.