އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ޖެހުނު މައްސަލަތައް މިހާރު ހައްލުކުރެވިއްޖެ ކަމަށާއި، ކޮމިޝަންގެ ރައީސްކަމުން އަދި ކޮމިޝަނުން ވެސް އިސްތިއުފާދެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިފަދައިން ވިދާޅުވެފައި މިވަނީ، މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، ފުވާދުއަށް އެމްބެސެޑަރުގެ މަގާމު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެ މަގާމު ލިބިވަޑައިގަންނަވާކަން ޔަގީންވުމުން އީސީން އިސްތިއުފާދެއްވަން އެމަނިކުފާނު ނިންމަވާފައިވާކަމަށް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ "ވީނިއުސް" ގައި ޚަބަރެއް ޝާއިއުކުރުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ "ވީނިއުސް" އާ ފޯނުން ވާހަކަދައްކަވަމުން ފުވާދު ވެސް ވަނީ އެފަދަ މަގާމެ ހުށަހަޅަން ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ މަގާމު ލިބިވަޑައިގެންފިނަމަ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އެފަހުން ސޯޝަލްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ހަސަން ކުރުސީ" ކޮށްފައިވާ ޕޯސްޓަކަށް ޖަވާބުދެއްވަމުން ވެސް ފުވާދު ވަނީ އެކަމަށް ޝައުގުވެރިވާކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެހެންނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެ ޕޯސްޓަށް ދެއްވި ޖަވާބު ޑިލީޓުކުރައްވާފައެވެ.
ފުވާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އިސް ބޭފުޅަކު ވެސް ވަނީ "ވީނިއުސް" އާ މެސެޖުން ވާހަކަދައްކަވަމުން، ފުވާދުއަށް އެފަދަ ފުރުސަތެއް ލިބެންއުޅޭކަމަށާއި، އެ ފުރުސަތު ލިބިއްޖެނަމަ ފުވާދު މަގާމުން އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ފަހުން ބައެއް މީޑިއާތަކަށާއި، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމް ތަކުގައި އެކި ފަރާތްތަކުން ބުނަމުންދިޔައީ، އީސީން ފުވާދު އިސްތިއުފާދެއްވަނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން ކަމަށެވެ.
ޚުދު ފުވާދު ވެސް މީގެކުރިން، އީސީގެ ތިން މެންބަރުން ޖެއްސުން ކުރައްވާ ކަމަށް ވިދާޅުވެ، އިސްތިއުފާއާ މެދު ވިސްނަވަމުން އަންނަކަމަށް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ފުވާދު ވިދާޅުވީ، އީސީން އިސްތިއުފާދޭން ނުނިންމަވާ ކަމަށެވެ. އަދި ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އީސީގެ މެމްބަރުންގެ މެދުގައި ޖެހިފައިވާ މައްސަލަތަކާއި ޚިޔާލުތަފާތުވުންތައް ހައްލުވެއްޖެ ކަމަށާއި، ފަސް މެމްބަރުން ވެސް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ޓީމެއްގެ ގޮތުގައި ގުޅިގެން ކަމަށެވެ.
އެއްވެސް ކަހަލަ އުނދަގުލަކާ ކުރިމަތިލާން މިހާރު ނުޖެހޭކަމަށް ވެސް ރާއްޖޭގެ މީޑިއާ އަކާ ވާހަކަދައްކަވަމުން ފުވާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފަސް މެންބަރުން ތިއްބަވާއިރު، އޭގެތެރެއިން ތިން މެންބަރުންގެ މެދުގައި ފުވާދާ އޮތް ގުޅުން ގޯސްވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރި މަރުހަލާގެ ތެރޭގައެވެ. ފުވާދާ ދެކޮޅަށް ކޮމިޝަންގައި މަސައްކަތްކުރެއްވި މެމްބަރުންނަކީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތުގެ އިތުރުން މުޙައްމަދު އާސިފެވެ.