ހުރިހާ އެންމެންނަށް ވެސް ރާއްޖޭގެ ވެރިރަށް މާލޭގައި އުޅެވޭނެކަމަށާއި، އެކަން އެގޮތަށް ކުރެވޭނެގޮތް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ދަ ޑިމޮކްރެޓްސް އިން އެ ޕާޓީގެ ޓިކެޓު މުހައްމަދު ސައިފް ފާތިހުއަށް ދޭން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން އެންމެނަށް ވެސް މާލޭގައި އުޅެވޭނެކަމަށާއި ބޭނުންވަނީ ހަރުދަނާ ސިޔާސަތުތަކާއި ސަރުކާރުގެ އެއްބާރުލުން ކަމަށެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅަކީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ކުރިއަށް ގެންދިޔަ ބިންވެރިޔާ / ގެދޮރުވެރިޔާ މަޝްރޫޢާ ގުޅޭގޮތުން މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ގިނަބަޔަކު އެކަމާ ގުޅޭގޮތުން ބަހުސްކުރަމުން އަންނަ ދަނޑިވަޅެއްގައި، އެ ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ވިދާޅުވި ވާހަކަފުޅެއްކަމަށް ބެލެވެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުގައި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތިދީ، ގޯތީގެ ރަޖިސްޓްރީ ދީފައިވީނަމަވެސް، އޭގެތެރޭގައި ބިން ނެތް ތަންތަންވެސް ހިމެނޭކަމަށެވެ. ޤާނޫނާއި ޤަވާއިދު ބަޔާންކުރާގޮތުގައި ގޯތި ދެވޭނީ ބިން އޮތްތަނަކުންކަމަށާއި، އެހެންކަމުން އެކަމުގައި އޮތް ޤާނޫނީ ބުރަދަނާމެދު ވަޒީރު ސުވާލު އުފެއްދެވިއެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުން ބިމާއި ފުލެޓު ދީފައިވާގޮތަށް އެކަން ކުރެވިދާނެކަމާމެދު ވަޒީރު ސުވާލު އުފެއްދެވިއެވެ. އަދި ގޯއްޗާއި ފުލެޓު ލިސްޓު ރިވިއުކޮށް، އެ ތަންތަން ލިބުނު ބައެއް މީހުންނަށް އެ ތަންތަން ގެއްލިދާނެކަމުގެ އިޝާރާތެއް ވެސް ވަޒީރު ކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖްތިމާޢީ މައްސަލަތަކުގެ ފެށުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މުޅި ރާއްޖެއަށްވެސް ދިމާވެފައި އޮތް މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ރާއްޖޭގެ އުތުރާ ދެކުނުގައި ހާއްސަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.