ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ތަމްސީލްކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

އެ ފުރުސަތު އެމްއެންޕީއަށް ގެއްލިފައި ވަނީ، އެމްއެންޕީ އުފެއްދިއިރު މަޖިލީހުގައި ތިއްބެވި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ވަކިވެފައިވާތީއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު އުޝާމެވެ. މަޖިލީހުގެ މެމްބަރުކަމުން އުޝާމް ވަކިވެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުޝާމް ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން، މަޖިލީހަށް އިންތިހާބުވި ތިން މެމްބަރުން އެމްއެންޕީ ތަމްސީލުކުރުމަށް ހުށަހަޅައި އެ ތިން މެމްބަރަކު އެމްއެންޕީ ތަމްސީލް ކުރާނެކަން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައި އިއުލާންކުރި ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާއާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީއެއް ތަމްސީލުކުރަން ތިބި މެމްބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށް ވުރެ ދަށް ވެއްޖެނަމަ ޕާޓީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެ ކަމަށް ވެސް ރިޔާސަތުން ބުނެފައިވެއެވެ.

މިއާއެކު، މިވަގުތު އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ދެ މެމްބަރުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އަސްލަމް މިއަދު އިއުލާނުކުރެއްވި ގޮތުގައި އެ ދެ މެމްބަރުން މަޖިލީހުގައި ދެން މަސައްކަތްކުރައްވާނީ ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުންގެ ގޮތުގައެވެ.

މި މަހުގެ 17 ވަނަ ދުވަހު އުފެދުނު އައު ސަރުކާރާއެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު ވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި، އައު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި އައްޔަންކުރެއްވި ހަތަރު ބޭފުޅަކު އަދި ބަންޑާރަނައިބު އަހްމަދު އުޝާމެވެ. ވަޒީރުންގެ ގޮތުގައި އައްޔަނުކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު (މާވަށު ދާއިރާގެ ކުރީގެ މެމްބަރު)، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް (ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު)، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް (މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު) އަދި މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު) އެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ، މަޖިލީހުގައި ވަކި ޕާޓީއެއް ތަމްސީލުނުކުރާ މެމްބަރެއްގެ ގޮތުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ.

މިއާއެކު މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް ވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ އަދަދަށް (56 މެމްބަރުން) އަދި މައިނޯރިޓީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަށް (13 މެމްބަރުން) ބަދަލެއް އައިސްފައި ނުވާއިރު، ކުރިން ހަތަރު މެމްބަރުން ތިއްބެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ތަމްސީލުކުރައްވަން މަޖިލީހުގައި މިހާރު ތިއްބެވީ ދެ މެމްބަރެކެވެ. ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ވެސް ކުރިން މަޖިލީހުގައި ހަތަރު މެމްބަރުން ތިއްބަވާއިރު މިހާރު އެ ޕާޓީ ތަމްސީލުކުރައްވަން މަޖިލީހުގައި ތިއްބެވީ ވެސް ދެ މެމްބަރުންނެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ވެސް ތިއްބެވީ ދެ މެމްބަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ހަތަރު އިއްޒަތްތެރި މެމްބަރަކު މަޖިލީހުގައި ތިއްބަވައެވެ.