ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކަަށް މޫސުން ގޯސްވެފައިވާތީ އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދިއްޖެއެވެ.

މެޓް އޮފީން ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭ ކަމަށެވެ.

ހާއްސަކޮށް ތ އަތޮޅުން ފެށިގެން ފުވައްމުލަށް ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރާއިރު، ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ގެއްލުންލިބިފައިވެއެވެ. އިއްޔެ އިރާކޮޅު ވެރިރަށް މާލެއަަށް ބޯކޮށް ވާރޭވެހިފައިވެއެވެ.

މެއިމަހުގެ ކުރީކޮޅު ފެށުނު ހުޅަނގު މޫސުން މިމަހުގެ ނިއަލަށް ދެމިގެންދާނެއެވެ.