ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ސަރުކާރުގައި ބަޖެޓުކޮށް، ޕްރޮޖެކްޓުގެ ޑިޒައިނިންގް ހަދައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުގައިވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ބައެއް ފުރިހަމަކޮށްފައިވާ، ކުނިން ހަކަތަ އުފައްދާ މަޝްރޫއު މިސަރުކާރުންވެސް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި މަޝްރޫއުގެ ޑިޒައިނިންގް ހަދާ ތިލަފުށީގައި ބޭނުންވާ ބިން ހިއްކީ 2017 ވަނަ އަހަރު، ރައީސް ޔާމިންގެ ސަރުކާރުގައެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި ހިންގަން ކޮންމެހެން ބޭނުންތެރި މަޝްރޫއެއް ކަމަށްވާތީ ސަރުކާރު ބަދަލުވި ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުންވެސް ވަނީ މަޝްރޫއު ކުރިއަށްގެންގޮސްފައެވެ.

މިގޮތުން އެންމެ އިސްކަމެއްދީގެން ކޮށްފައިވާ ކަމަކީ ތިލަފުށިން ދުން އެރުން ހުއްޓުވުމެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން މާލެގައި ޓްރާންސްފާ ސްޓޭޝަނެއްވަނީ ގާއިމުކޮށްފައެވެ. މި ފިޔަވަހީގެ ދަށުން ވިލިމާލޭގައި ވެސް މިފަދަ ސްޓޭޝަނެއް ގާއިމުކުރަން ނިންމާފައިވާއިރު، މިކަމުގައި އުޅުއްވި އިސްއޮފިޝަލަކު "ވީނިއުސް" އަށް ވިދާޅުވި ގޮތުގައި، ރައީސް ޞާލިޙްގެ ސަރުކާރުގައި އެތަން ނުހެދުނީ މާލޭ ސިޓީ ކައުންސިލުން ބިމެއް ނުދީގެންނެވެ.

ކުނިން ހަކަތަ އުފައްދާ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުންވެސް ކުރިއަށްގެންދާނެކަން މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްވަނީ ހާމަކުރައްވާފައެވެ. ޠާރިޤް މިކަން ހާމަކުރެއްވީ، ހޯމަ ދުވަހު އެމަނިކުފާނު ތިލަފުށްޓަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވަމުންނެވެ.

ޠާރިޤް ވިދާޅުވީ، އެ ވުޒާރާއާ ހަވާލުމަށްފަހުގައި އެންމެ ބޮޑު އެއް އިސްކަމެއް ދެއްވަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ކަމަށާއި އެކަމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

މިކަމަކީ ދެ ފިޔަވައްސަކަށް ބަހައިގެން ކުރެވޭ މަސައްކަތެއް ކަމަށާއި މި މަޝްރޫގެ އަގަކީ 211 މިލިއަން ޑޮލަރު ކަމަށް ޠާރިޤް ވަނީ ވިދާޅުވެފައެވެ.

ކުނި އެންދުމަށް ފަހު އަޅި ބެހެއްޓުމަށްޓަކައި ހަދާ ތަނާއި (ލޭންޑުފިލް) އިންސިލެރޭޓަރު ބަހައްޓާ ތަނަށް އެކަނިވެސް 150 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ނިންމަން ކުރީ ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ އޮގަސްޓުމަހުގައެވެ. ނަމަވެސް މިހާރު މިޕްރޮގެކްޓު ވަނީ އެއް އަހަރަށް ފަސްކޮށްފައެވެ.

ކުނި މެނޭޖު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.