އެއްބައިވަންތަކަމާއެކު، އެއް ޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އެއީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށް ވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިއަދު ރައީސް ޑރ. މުއިއްޒުވަނީ އެ އޮފީހުގެ މުވައްޒަފުންނާއެކީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރައްވާފައެވެ.