މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދަކީ މާލޭ ރައްޔިތުން އަތުން ފޭރިގަތުމުގެ ނިޔަތުގައި ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް ރުހުން ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މެމްބަރު މީކާއީލް މިފަދައިން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރުމުގެ ވަގުތުގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
މީކާއީލް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާލުމުން އެނގެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން އުޅޭކަން ކަމަށެވެ. މީކާއިލް ވަނީ އިއްޔެ މި ސަރުކާރުގެ ކެބިނެޓުގެ ހައުސިން މިނިސްޓަރު ހައިދަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވައިފައެވެ. އިއްޔެ މިނިސްޓަރު ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމައިފައިހުރި، އަދި މިހާރު ދީފައިހުރި ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރުގެ މި ވާހަކަފުޅާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ވަޒީރަށް ފާޑުކިޔަމުންނެވެ.
ވަޒީރުގެ ވާހަކަފުޅާމެދު ހިތްހަމަނުޖެހިވަޑައިގެން މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު މީކާއީލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ދޮގު ވިއްކައިގެންކަމަށް، ވަޒީރު ދެއްކެވި ވާހަކަފުޅުގައި އަމިއްލަފުޅަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެގޮތުން ކެމްޕެއިން ދުވަސްވަރު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސަރުކާރުން ދިން އެއްވެސް އެއްޗެން ރައްޔިތުން އަތުން އަތުނުލައްވާނެ ކަމަށާއި އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވެފައި ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ރާގު ބަދަލުވެފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެއްވެސް މީހަކަށް ލިބޭ ގޯއްޗެއް، އެއްވެސް މީހަކަށް ދީފައޮތް ވަޒީފާއެއް، އެއީ ސިޔާސީ ވަޒީފާއެއް ކަމުގައި ނުވާހާ ހިނދަކު އެމަނިކުފާނުގެ ވެރިކަމުގައި އަތުނުލާކަމަށް އެކިފަހަރުމަތިން ވިދާޅުވެފައެވެ. އެހެންނަމަވެސް ވަޒިރު ހައިދަރު ދެއްކެވި ވާހަކަފުޅާއި، ރައީސް ޑރ. މުއިއްޒު އޭރު ދެއްކެވި ވާހަކަފުޅާ ފުށުއެރުންތަކެއް އެބަހުއްޓެވެ.
ވަޒީރު ހައިދަރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ހަމައަށް މި ސަރުކާރުން ދީފައިހުރި އެއްވެސް ގޯއްޗެއް، ފުލެޓެއް އަތުނުލާނެ ކަމަށާއި، އެފަހުން ދީފައިހުރި ތަންތަން ލިބުނު ފަރާތްތަކުގެ ލިސްޓު އަލުން ރިވިއުކުރާނެ ކަމަށެވެ. އެއަށްފަހު ބައެއް ފަރާތްތަކަށް ކުރިން ގޯތިލިބެން އޮތް ތަން ނޫން އެހެންތަނަކުން ގޯތި ލިބިދާނެ ކަމަށާއި، ބައެއް ފަރާތްތަކަށް ގޯތި ނުލިބުމުގެ ފުރުސަތު ވެސް އޮތްކަން ދޭހަވާ މޭރުމަކުން ވަޒީރު ވާހަކަފުޅުދެއްކެވިއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު މީކާއީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވެރިކަމުގެ ދައުރު ހަމަވަނީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ނަތީޖާއާ ހަމައިން ކަމަށް ދޭހަވާ މޭރުމުން ވަޒީރު ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.
ކަން މިހެން ހުރުމާއެކު، ވަޒީރުންނަށް ރުހުންދޭއިރު، ހައުސިންގ މިނިސްޓަރ ހައިދަރުއަށް ރުހުން ދިނުމަށް، މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީން ތުރީލައިން ވިޕެއް ނުނެރުއްވުމަށް އިލްތިމާސްކުރައްވައި، އެފަދަ އެންގުމެއް އެންގިޔަސް ހައުސިންގ މިނިސްޓަރަށް ރުހުން ދިނުމަށް ވޯޓު ނުދެއްވާނެކަމަށް މެމްބަރު މީކާއީލް ވިދާޅުވިއެވެ.
ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މިނިސްޓަރު ހައިދަރު ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކުރާނެ ގޮތް ހިއްސާކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ތަންތަނުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
އެއީ މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ޕްލޭނެއް ނެތް ތަނެއްގައި މީހުން ދިރިއުޅެން ފެށުމަކީ މި ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.