މިފްކޯ ފްލީޓަށް އިތުރުކުރެވޭ ތިން ބޯތުގެ ތެރެއިން ފުރަތަމަ ބޯޓު 'ޖަޒީރާ 106' މާލެއަށް ބަނދަރުކޮށްފިއެވެ.

މިފްކޯއިން ބުނީ މި އަހަރު ނިމުމުގެ ކުރިން މި ފްލީޓުގައި ހިމެނޭ ދެ ބޯޓު، 'ޖަޒީރާ 104' އަދި ޖަޒީރާ 105' ވެސް ރާއްޖެ އަންނާނެ ކަމަށެވެ. އަދި 'ޖަޒީރާ 106' މާލެއަށް ބަނދަރުކުރުމުން މިހާރު ކުރިއަށްދަނީ ބޯޓުގެ ކުރޫ ބަދަލުކުރުމާއި ކަސްޓަމްސް ކްލިއަރެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސައްކަތްކަަމަށް މިފްކޯއިން ހާމަކުރެއެވެ.

ޖަޒީރާ ސީރީސްގެ މަސްކިރާ ބޯޓު ތަކަކީ ބޯޓަކަށް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގަބިލްކަން ލިބިފައިވާ ބޯޓުތަކެކެވެ. މި ތިން ބޯޓުވެސް މިފްކޯގެ އޮޕަރޭޝަނާ ގުޅުމުން އެ ކުންފުންޏަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަާށް މިފްކޯއިން ބުނެއެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް، މަސްވެރިން ބާނާ މަސްކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯއިން މިއަހަރު ހަތަރު ބޯޓު ގަނެފައިވެއެވެ. އެގޮތުން، މިއަހަރު މާރޗް މަހު ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންދެއެވެ.

މިފްކޯއިން ބުނީ މި ހިނގަމުންދާ ފަސް އަހަރުގެ ތެރޭގައި ކެރިއާ ބޯޓަކާއެކު ޖުމްލަ ހަ ބޯޓު މިފްކޯ ފްލީޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ. މިއާއެކު ކޫއްޑޫގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި، މުޅިން އަލަށް ގާއިމްކުރާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ ތިން ބޯޓު މިފްކޯގެ އޮޕަރޭޝަނާ ގުޅުމާއެކު، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.