ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބު އަންނަ ރޯދަމަހުގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބަލަން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އީސީންވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށް މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ނިންމުމުން ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް ކޮމިޝަނާއި އެކަން ހިއްސާކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާރު ގާނޫނު އޮތްގޮތުން މަޖިލިސް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޝަނަށް އެއްވެސް އިހުތިޔާރެއް ލިބިދީފައިނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހާ މެދު މަޝްވަރާއަކަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ސިޓީއެއްވެސް ފޮނުއްވާފައިވާނެ ކަމަށާއި އުއްމީދަކީ މަޖިލީހާ މަޝްވަރާކުރެވި މި މަސް ނިމުމުގެ ކުރިން އިންތިހާބު ބާއްވާނެ ސީދާ ތާރީހް ކަނޑައެޅިގެން ދިއުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 2024ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބުނު ޝަކުވާތަކާއި ހިޔާލުތައް ދިރާސާކުރުމަށް ފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ނިންމާފައިވާކަން ކޮމިޝަނުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ހުޅުމާލެ މެދު ދާއިރާ އާއި، ހުޅުމާލެ އުތުރު ދާއިރާ އަށް ބަދަލުކޮށް ދަފްތަރު މީހުން ހިމެނޭ މާލޭ ދާއިރާތައް ކަމުގައިވާ މާފަންނު ދާއިރާ އަދި މައްޗަންގޮޅި ދާއިރާ ގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލުގެނައުމަށް ނިންމާފައިވެއެވެ.
އަދި ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުމާއި ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާއަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުމަށް ނިންމާފައިވާއިރު އެގޮތުން ހުވަދުއަތޮޅުގެ ދާއިރާތައް ހަމަޖެހިގެންދާނީ، ވިލިނގިލި ދާއިރާކަމުގައި ގއ.ވިލިނގިލި ހަމަޖެއްސުމާއި ދާންދޫ ދާއިރާގެ ގޮތުގައި ގއ.ނިލަންދޫ، ދާންދޫ އަދި އެއަތޮޅު ކޮނޑޭ ހަމަޖެއްސުމާއި އަދި ގެމަނަފުށި ދާއިރާގެ ގޮތުގައި ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ އަދި އެ އަތޮޅު ދެއްވަދޫ ހަމަޖައްސާނެއެވެ.
މީގެ އިތުރުން ކޮލަމާފުށި ދާއިރާގެ ގޮތުގައި ގއ.ކޮލަމާފުށި އަދި އެ އަތޮޅު މާމެންދޫ ހިމެނުމަށް ވަނީ ނިންމާފައެވެ.
އީސީން ބުނީ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.