ރާއްޖޭގެ ދެކުނުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެެއްްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މިއަދަކީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި މިފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް، ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ޝުކުރު އަދާކުރެއްވިއެވެ.
ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުގެ ވާހަކައިގައި މި އެއްބަސްވުމުގެ ދަށުން އެ ޔުނިވަރސިޓީއަށް ވަރަށްގިނަ ފައިދާތަކެއް ވާނެކަމާއި، މިހާރު ހުރި ދަތިތައް ޙައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ ޔުނިވަރސިޓީއަށް ބޭނުންވާ ކްލާސްރޫމްތަކާއި، އޮފީސް ހިންގާނެ ބައެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މިފަދަ މަރުކަޒުތައް މާލޭގެ އިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިގެން ދިޔުމުން، އެ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކައިގައި، މި އެއްބަސްވުމާއިއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފެށިގެން ދިޔުމުގެ ފުރުސަތު މިއަދު ފަހިވެގެން ދިޔައީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ކަމެއް ކަމަށާއި މިކަން ކުރިއަަށް މިގެންދެވެނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ މަރުކަޒެއް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރުން މުހިންމު ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވަނީ ޖަމްޢިއްޔާތަކާއި ކުއްލިއްޔާތަކާއި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެންކަމަށާއި އެހެންކަމުން ހުރިހާ އެއްބާރުލުމަކާ އެހީތެރިކަމެއް މިނިސްޓްރީގެ ފަރާތުން ވެދެއްވާނެކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ސްކޮލަރޝިޕް ޕްރޮގްރާމާއި، އައިޔޫއެމްގެ ސްޓާފުން ތަމްރީނުކުރުމާއި، ރިސަރޗްގެ ދާއިރާއާއި ފޮތްތައް ޕަބްލިޝްކުރުމާއި ކަންކަމުގައި އެހީތެރިކަން ދެއްވާނެ ކަމަށެވެ.ސްކޮލަރޝީޕް ދެވޭނީ ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އުންމީދަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި އެއްގޮތަށް އައިޔޫއެމްއަކީ ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށްވެސް ކިޔެވޭނެފަދަ ޔުނިވަރސިޓީއަކަށް ވެގެން ދިޔުން ކަމަށާއި އަދި މިއަދު މި ވެވެވުނު އެއްބަސްވުމާއިއެކު މިފެށޭ ސެމިސްޓަރއަށް ކޯސްތައް ފަށަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.