މިއަހަރުގެ ބާކީ ބައިގައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ނުވެއްޖެނަަމަ ބަޖެޓުގެ ހަރަދު ބޮޑުވެ ފައިނޭންސް ކުރަންޖެހޭ އަދަދު 19 މިލިއަނަށްވުރެ އިތުރުވެދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
މަޖިލީހުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކުގައެވެ.
ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅި 6.5 ބިލިއަން ރުފިޔާއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހައެޅީ 6.5 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ މި ބަޖެޓުގައި ބަޖެޓް ފައިނޭންސްކުރުމަށް 2024ވަނަ އަހަރުގެ ތެރޭގައި ޖުމްލަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަންޖެހޭ ކަމަށެވެ.
އާމްދަނީ އިތުރުކުރުމަށް ކުރާނެ އައު ކަންތައްތަކެއް މިބަޖެޓުގައި ހިމަނާފައިނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާއިރު ހަރަދުކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ނުވެއްޖެނަަމަ ބަޖެޓުގެ ހަރަދު ބޮޑުވެ ފައިނޭންސް ކުރަންޖެހޭ އަދަދު 19،064.4 (ނަވާރަ ހާސް ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިއަނަށް) ވުރެ ގިނަ ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެހެންކަމުން ފައިނޭންސިންގ ހަރަދާއި ދަރަނީގެ ހިރާސްކުޑަކުރުމަށްޓަކައި ފިސްކަލް ގެޕް ނުވަތަ ބަޖެޓް ޑެފިސިޓް ކުޑަކުރަންޖެހޭ ކަމަށާއި އަދި ދައުލަތުގެ އާއްމުދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި އާމްދަނީގެ ސްޓްރެޓެޖީއެއް އެކުލަވާލައި އެގޮތަށް އަމަލުކުރުމަކީވެސް މުހިންމު ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.