ޕީޕީއެމް އާއެކު އެއް އޮފީހެއްގައި މަސައްކަތް ކުރަމުން އައި ޕީއެންސީން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އައު އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީސް ގާއިމް ކޮށްފައި ވަނީ "ދިވެހީންގެ ރާއްޖެ" މައި ޖަގަހަ ހިންގި ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައެވެ. އެ ޖަގަހަ ޕީއެންސީގެ އޮފީހަކަށް ބަދަލުކޮށް އެ ތަނުގައި އެ ޕާޓީގެ ނަން ބޯޑު ރޭ ވަނީ ހަރުކޮށްފައެވެ.
އެ ޕާޓީގެ އޮފީހެއް ވަގުތީ ގޮތުން ހުޅުވަން ޖެހުނީ ޕާޓީ އަށް އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ޕްރޮސެސްކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތް ކުރުމަށް ބޭނުންވާ ޖާގަ ނެތުމުން ދަތިތަކެއް ކުރިމަތި ވާތީ ކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެންސީ އުފެއްދީއްސުރެ އެ ޕާޓީގެ އެންމެހާ މަސައްކަތްތައް ކުރަމުން އައީ ޕީޕީއެމް އާ އެއް އޮފީހެއްގައެވެ.
ޕީއެންސީ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމުން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ޕީޕީއެމްއާއި ޕީއެންސީގެ ލީޑަޝިޕުގައި ހަރަކާތްތެރިވަނީ އެއް ބޭފުޅުންނެވެ. ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ހުށަހެޅުއްވި ކެންޑިޑެސީ ފޯމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޑރ. މުއިއްޒު ވަނީ ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބުގެ ތެރޭގައި ޕީޕީއެމާއި ޕީއެންސީ އެކުގައި މަސައްކަތް ކުރި ނަމަވެސް އިންތިގާލީ މަރުހަލާގެ މަސައްކަތް ހިނގި ދުވަސްވަރު ޕީއެންސީން ވަނީ ވަކި ޕާޓީއެއްގެ ގޮތުގައި ހަރަކާތްތައް ފުޅާކުރަން ފަށާފައެވެ. މި ދެ ޕާޓީގެ ލީޑާޝިޕްގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ދެ ޕާޓީގެ ލީޑަޝިޕުން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.