ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނެފައި ވަނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން އަމަލުކުރަމުން ދިޔައީ ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ރައީސް އަށް ލަފާ ދެއްވާފައި ވާ ކަމަށެވެ.

އެގޮތުން، އޭޖީން ދެއްވި ލަފާގައި މިއީ ގާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލެއް ކަަން ފާހަގަކޮށްފައިވެއެވެ. އަދި މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން އޭޖީ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި އެ އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކުރައްވައި، އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުހަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިއާޔަތް ކުރުމެއް ނެތި، އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށް ކަމަށް އިއުލާނުގައި ވެއެވެ.

އޭޖީ ދެއްވި ލަފާގައި ވިދާޅުވީ އެ އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތައައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފު އުސޫލެއް ކަމަށެވެ.

ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.