ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅައި ސްކޫލްގެ އަމަލީ މަސައްކަތް 'ހަފުތާ 14' ގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. 'ހަފުތާ 14'ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް އައު އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދުފުޅެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތި އުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޗާންދަނީމަގުގައި ހިންގަމުންދިޔަ ޢަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވެ، ބޮލަށް ވެއްޓޭވަރު ވުމުގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލައި ފުރަތަމަ ބަދަލުކުރީ ފޮރިން މިނިސްޓްރީގެ އިމާރާތަށެވެ.
އަދި ފަހުން، ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތުގައި ކިޔަވަމުންދިޔަ ޢަރަބިއްޔާގެ ދަރިވަރުން ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތަށް ބަދަލުކުރިއެވެ. އެއީ ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މާފަންނުގައި އެޅި އައު ދަރުމަވަންތަ ސްކޫލް އިމާރާތުގައި ކިޔަވަން ފެށުމުންނެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، "ހަފުތާ 14" ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް ވަނީ އިފްތިތާހް ކުރައްވައިފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރެއްވި ޕްލޭން ނުވަތަ މަގު ޗާޓްގެ މަސައްކަތްތައް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުނގެނުމަށް ފޮރިން މިނިސްޓްރީގެ އިމާރާތާއި ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ހަމަޖައްސަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.
މައްސަލައިގެ ދާއިމީ ހައްލެއްގެ ގޮތުގައި ޢަރަބިއްޔާއަށް ބާޖަމާލުއްދީނުން ބިމެއް ދީފައިވާއިރު، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއްވެސް ޢަރަބިއްޔާ އަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.
ބާޖަމާލުއްދީނުން ބިމެއް ދިން ނަމަވެސް އެ ތަނުގައި އިމާރާތްކުރުމުގެ މާގިނަ މަސައްކަތްތަކެއް ކުރިއަކަށް ނުދެއެވެ.
ޢަރަބިއްޔާ ސްކޫލުގެ ޢައު އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޓް އުޞޫލުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 168 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.