ހުޅުމާލޭގައި ދެމުން އަންނަ މުނިސިޕަލް ހިދުމަތްތަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމުގެ އިދާރީ މަސައްކަތް ރައީސް އޮފީހުން ފަށައިފިއެވެ.

ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް މިހާރު ދެމުން އަންނަނީ އާބަންކޯއިން ނެވެ.

މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފުތާ 14"ގައި ވެސް ހިމަނުއްވާފައެވެ. އެގޮތުން، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް، ހުޅުމާޅެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން އިއުލާންކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ މި ގެންނަން ފެށި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެ ސިޓީގައި ހިމެނޭ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދޭނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެގޮތަށް ނިންމެވީ މާލޭ ވަރަށް ގިނަ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތް ދޭން ޖެހޭނީ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ ކައުންސިލަރުން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ.

ހުޅުމާލޭ ބިމުގެ އިހްތިސާސްގެ މައްސަލައިގައި ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ވެސް އާބަންކޯއާ ދެމެދު ގިނަ ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެތަން ބަލަހައްޓާ ބަޔަކަށް ވާން ޖެހޭނީ ސިޓީ ކައުންސިލް ކަމަށް ކައުންސިލުން އޭރު ބުނަމުން ދިޔައެވެ.