ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ނިންމި ނަމަވެސް ރާއްޖެއާއި ގުޅިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އިނގިރޭސިވިލާތުން މިހެން ބުނީ ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެން އެ ގައުމުގެ ހާރިޖީ ވަޒީރު ބޮރިސް ޖޯންސަން ނެރުއްވި ބަޔާނެއްގަ އެވެ.

މިބަޔާނުގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި، ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށާއި، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް މަސަައްކަތް ކުރައްވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބޮރިސްގެ ބަޔާނުގައި އިިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި އިސްލާހުކުރަންޖެހޭ މައްސަލަތައް އިސްލާހުކުރުމަށް އެގައުމުން އެހީވާނެ ކަމަށެވެ. އަދި ރާއްޖެ އޮންނަންވާނީ ހަމަޖެހޭ ގައުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމަންވެލްތަކީ އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭ ޖަމިއްޔާ އެއް ކަމަށެވެ.

ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ނިންމުމާއި ގުޅިގެން ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނަރަލް ޕްޓްރީސިއާ ސްކޮޓްލެންޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮމަންވެލްތުން މަސައްކަތްކުރަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސި ކުރިއަރުވަން ކަމަށްވާތީ ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅިގެން ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ނިންމުމާއި ގުޅިގެން ކޮމަންވެލްތުގެ ގައުމުތަކާއި އެކަމަނާ ވެސް ހިތާމަކުރައްވާކަން ފާހަގަކުރައްވާ މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅި، ކޮމަންވެލްތުގެ އުސޫލުތަކާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށްވެސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އިއްޔެ ބުނީ ދިވެހި ދައުލަތް ކޮމަންވެލްތުން ވަކިވުމަށް ނިންމީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށްޓަކައި ދިވެހި ރައްޔިތުންގެ ހެވާ ލާބަޔަށް އެދިގެން ކަމަށެވެ. ކޮމަންވެލްތުން ދިވެހިންގެ ދާހިލީ ސިޔާސަތުތަކާއި ދިވެހި ގައުމުގެ ސިޔާދަތަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވެވުމަށް ސަރުކާރުން ނިންމީ ވަޒީރުންގެ މަޖިލީހުގައި މިމައްސަލާގައި ބަހުސްކުރައްވާ ކޮމަންވެލްތުން ވަކިވުމަށް ވަޒީރުން ރައީސް އަބްދުﷲ ޔާމީނަށް ލަފާދެއްވުމުންނެވެ.

ކޮމަންވެލްތުގައި ދިވެހި ދައުލަތުން ބައިވެރިވީ 1982 ވަަނަ އަހަރު އެވެ. ދިވެހިރާއްޖެއިން ކޮމަންވެލްތާ އެކު އޮތް ގުޅުން މިކަނޑާލީ 34 އަހަރަށްފަހު އެވެ.

ކޮމަންވެލްތަކީ ރާއްޖެއަށް ތަފާތު އެކި ކަންކަމުގައި އެންމެ ބޮޑަށް ފަންނީ ލަފާދެމުން ގެންދިޔަ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމާއަތެވެ. އަދި ދިވެހިންނަށް އެކި ގައުމުތަކުގައި ކިޔެވުމަށް އެ ޖަމާއަތުން ތަފާތު ސްކޮލާޝީޕްތައް ދީފައިވާ ކަންވެސް ފާހަަގަކުރެވެ އެވެ.