ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް މާގާމުގައި ބެހެއްޓުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެއަށް ޖާގަ ހޯދައިދިން ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓަށް އަދި ދާއިމީ ކޮންޓްރެކްޓެއް ދީފައި ނުވާ ކަމަށް މީގެ ކުރިން އެފްއޭއެމް އިން ބުނެފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ކަަމަށް ބައްސާމް އިންތިހާބުވުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ސްޓެވާޓް މަގާމުގައި ބެހެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސްޓެވާޓް ގައުމީ ޓީމުގައި ހޭދަ ކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ރަނގަޅު ނަތީޖާތެކެއް ނެރެފައިވާ ކަމަށާއި އަދި އޭނާ ކިބައިގައި ފެންވަރު އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

"ގައުމީ ޓީމަށް ހާއްސަ ކޮމިޓީގެ ބޭފުޅުންނާ ވެސް މަޝްވަރާކޮށްގެން ޑިސިޝަނެއް ނަގާނީ. އެ ބޭފުޅުން ވެސް ކޯޗުގެ މަސައްކަތް ބަލައިގަނޭ،" ބައްސާމް ވިދާޅުވި އެވެ.

ސްޓެވާޓްގެ ކޯޗު ކަމުގައި ގައުމީ ޓީމު ވަނީ ވާދަވެރި ތިން މެޗެއް ކުޅެ، 2 މެޗުން މޮޅުވެ އެއްމެޗު އެއްވަރުކޮށްފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ޓޮމްގެ ދައުރުގައި ސްޓެވާޓާ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމު ހަވާލުކޮށްފައިވާއިރު ސްޓެވާޓް އޭރު ބުނެފައިވަނީ ގައުމީ ޓީމުން ދާއިމީ މަގާމެއް ދީފި ނަމަ ތަފާތު ދައްކާނެ ކަމަށާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދޭން ބޭނުން ކަމަށެވެ.