ބްރެޒިލްގެ ފުޓްބޯޅަ ޓީމެއް ދަތުރުކުރި މަތިންދާ ބޯޓް ކޮލަމްބިއާއަށް ވެއްޓުނު ހާދިސާގެ އަޑުއެއްސެވީ ފުން ހިތާމައަކާއި އެކީ ކަމަށާއި އިއްޔެއަކީ ފުޓްބޯޅައިގެ ތާރީހުގައި ހިތާމަވެރި ދުވެހެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ބްރެޒިލްގެ ލާމިއާ އެއާލައިންސްގެ މަތިންދާ ބޯޓް ވެއްޓިފައިވަނީ ކޮލަމްބިއާގެ ސިޓީއެއް ކަމަށްވާ މެޑެލިންއާ 50 ކިލޯމީޓަރު ދުރަށް ސެރޯ ގޯޑޯ ނަމަކަށް ކިޔާ ސަރަހައްދަކަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މި ހަދީސާގެ އަޑުއެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތަމައާއި އެކީ ކަމަށާއި އިއްޔެއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ހިތާމަވެރި ދުވަހެއް ކަމަށެވެ.

"ބްރެޒިލްގެ ފުޓްބޯޅަ އާއި ބެހޭ އިދާރަތަކާއި ޝަފަކޮއެންސޭ ރެއާލްގެ ސަޕޯޓަރުންނާއި ފުރާނަ ގެއްލިގެން ދިޔަ ކުޅުންތެރިންގެ އާއިލާތަކަށް ލިބުނު ހިތާމައިގައި ފީފާއިން ފުރިހަމައަށް ބައިވެރިވަން. މިއީ އާދަޔާ ހިލާފު ހިތާމަވެރި ދުވަހެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.

މިހާދިސާގައި ފަސް މީހަކު ވަނީ މަރު ނުވެ ސަލާމަތް ވެފަ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ޝަޕެކޮއެންސޭ ރިއާލްގެ ޑިފެންޑަރު އުމުރުން 25 އަހަރުގެ އެލަން ރުޝެލް ހިމެނެ އެވެ.

ކޮލަމްބިއާގެ ރޭޑިއޯ ކަރަކޮލްއިން ބުނެފައިވަނީ މިހާދިސާއިން މަރުނުވެ ސަލާމަތްވި ފަސް މީހުންގެ ތެރޭގައި ޝަޕެކޮއެންސޭ ރިއާލްގެ ޑިފެންޑަރުގެ އިތުރުން، ދެ ކުޅުންތެރިން ކަމަށްވާ މާކޯސް ޑެނިލޯ ޕަޑިއްލާއާއި، ޖެކްސަން ފޮލްމަންވެސް ހިމެނޭ ކަމަށެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ފްލައިޓް އެޓެންޑެންޓަކާއި، ނޫސްވެރިއެކެވެ.

ބްރެޒިލްގެ ފުޓްބޯޅަ ޓީމު ކޮލަމްއާއަށް ދަތުރުކުރީ ކޮލަމްބިއާގައި މިއަދު ކުޅުމަށް ހަމަޖެހިފައި އޮތް ކޮޕަ ސުދަމެރިކާނާ (ސައުތު އެމެރިކަން ކަޕް) ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށްޓަކަ އެވެ. ފައިނަލްގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ ބްރެޒިލްގެ ޝަޕެކޮއެންސޭ ރިއާލްއާއި، ކޮލަމްބިއާގެ އެތުލެޓިކޯ ނެޝަނަލް އެވެ.

މިހާދިސާއާ ގުޅިގެން ބްރެޒިލްގެ ރައީސް މިޝެލް ޓެމާގެ އަމުރުފުޅަށް އެގައުމުގައި މިހާރު ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ.