ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާއި އެއްގޮތަށް ކަމަށާއި އަދި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރަން ސަރުކާރުގައި އެދިފައިވާނެ ކަމަށް ވިލާ އެއާއިން ބުނެފި އެވެ.

ވިލާ އެއާއިން މިގޮތަށް ބުނެފައި މިވަނީ ވިލާ އެއާ އިން ހިންގަމުން ގެންދިޔަ ކާޑެއްދޫ އެއާޕޯޓް ދައުލަތަށް ނެގުމަށް ނިންމުމާއި ގުޅިގެންނާއި މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް، ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރަން ސަރުކާރުން ނިންމި ކަން މިއަދު ހާމަކުރުމާއި ގުޅިގެންނެވެ.

ވީނިއުސްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ވިދާާޅުވީ ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދިޔައީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާއި ހިލާފަށް ކަމަށް ސިވިލް އޮތޯރިޓީން ބުނާނަމަ އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ރިިލްވާން ވިދާޅުވީ ސިވިލް އޭވިއޭޝަނުން އެއާޕޯޓްތަކުގެ އޮޑިޓްތައް އަބަދުވެސް ހަދަމުންދާއިރު އެހެން އެއާޕޯޓް ތަކަށްވެސް އަންގާ އުސޫލުން ކާޑެއްދޫ އެއާޕޯޓްގައި ވެސް ކަމެއް ރަނގަޅު ކުރަން ހުންނަނަމަ އެކަމެއް ރަނގަޅުކުރަން ފުރުސަތު ދެމުންގެންދާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަނުން އަންގާ ކަންކަން އިސްލާހުކޮށް ރަނގަޅު ވެސް ކުރަމުންދާ ކަމަށާއި އަދި ވަކި ވަގުތެއްގެ ތެރޭގައި ކުރަން އަންގާ ކަމެއް އެވަގުތަކަށް ނިންމަން އަބަދުވެސް އިސްކަން ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވި އިރު ސަަރުކާރުން ވެސް ބައެއް ކަންކަން ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއީ ޑޮމެސްޓިކް ގިނަ އެއާޕޯޓްތަކަކީ ގެއްލުމުގެ ހިންގާ ތަންތަން ކަމަށްވާތީ އެގޮތަށް ގެއްލުންވާ ބައި ހަމަޖައްސަން އެއާޕޯޓް ހިންގާ ކުންފުނިތަކަށް ސަރުކާރުން ރަށެއް ދޭ އުސޫލުން ވިލާ އެއާ އަށް ވެސް ރަށެއް ދޭން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެގޮތުން ދޭނެ ރަށަކާއި މެދު ސަރުކާރަށް ގޮތެއް ނިންމިފައި ނުވާތީ ދައުލަތުން ވިލާ އެއާ އަށް ކޮށްދޭން ޖެހޭ ބައެއް ކަންކަން ކުރެވިފައި ނެތް ކަންވެސް ރިލްވާން ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެން މިހާރު ވެސް ކާޑެއްދޫ އެއާޕޯޓް މިހިންގަނީ މިލިއަން ޑޮލަރުގެ ގެއްލުމުގައި. އެކަމަކު ވެސް އެއާޕޯޓް މަރާމާތަށް އަދި ތަރައްގީއަށް މިހާރުވެސް ބޮޑު އިންވެސްޓެއް ކުރެވިއްޖެ. އެއާޕޯޓްގައި ޕަވަ ހައުސްއެއް ގާއިމުކޮށް ސެކިއުރިޓީ ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތްތައް ގާތްގަނޑަކަށް މިވަނީ ނިމުމަކަށް އައިސްފައި. ކާޑެއްދޫ އަކީ ބޮޑު ރަށަކަށް ވާތީ އެރަށާއި އަދި އެއާޕޯޓް ވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ބަލަހައްޓަމުން ވެސް މިގެންދަނީ،" ރިލްވާން ވިދާޅުވި އެވެ.