ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ކުއްލިގޮތަކަށް ދޫނިދޫއަށް ބަދަލުކުރީ ފިލަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށް ވީނިއުސްއަށް އެނގިއްޖެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ މާފުށީ ޖަލުން އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ އޭނާ ޖަލުން ފިލަން މަސައްކަތްކުރާކަމަށް ލިބުނު ސިއްރު މައުލޫމާތަކާއި ގުޅިގެންކަމަށެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ހުރި މާފުށީ ޖަލުން ފުލުހުންގެ ބެލުމުގެ ދަށައް ދޫނިދޫއަށް އަދީބު ބަދަލުކޮށްފައިވަނީ މިނިސްޓަރު އޮފް ހޯމްއެފެއާޒު އަޒްލީން އަހުމަދު ސިޓީއަކުން އެކަން ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި ހޯމް މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން އަދީބު ދެން ހުންނަވާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.