ހަލުވި ކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ވައިރަހަށް ހާއްސަ، އިންފުލުއެންޒާ ވެކްސިން މާބަނޑު މީހުންނަށް ދޭން ފަށައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 18:00 އަށް އައިޖީއެމްއެޗުން މާބަނޑު މީހުންނަށް މި ވެކްސިން ޖަހައިދޭނެ ކަމަށެވެ. ވެކްސިން ޖަހާއިރު ވެކްސިނަކަށް 130 ރުފިޔާ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ އައިޑީ ކާޑާއި މާބަނޑުމީހުންނަށް ދޫކުރާ ކާޑު ހިފައިގެން ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށެވެ. މި ރޯގާ ޖެހިއްޖެނަމަ އެންމެ ނުރައްކާތެރިކަން ބޮޑީ މާބަނޑު މީހުންނަށެވެ. އެހެންކަމުން މާބަނޑު މީހުން މި ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކަމާގުޅޭ އިދާރާތަކުންނާއި ތަޖުރިބާ ކާރުން ހާމަކުރާ ގޮތުގައި ހުރިހާ އެންމެން ވެކްސިން ޖެހުމުގެ ބަދަލުގައި މިވައިރަސްގެ އަސަރުކޮށްފި ނަމަ ވެކްސިން ޖަހާނީ ވައިރަހުގެ ސަބަބުން ނުރައްކާތެރިކަން އެންމެ ބޮޑު ކަމަށް ފާހަގަކުރެވޭ މީހުންނަށެވެ. އަދި ފަސް އަހަރުން ދަށުގެ ކުޑަ ކުދިންނާއި އުމުރުން 60 އަހަރުން މަތީގެ މުސްކުޅިންނާއި، ފުއްޕާމޭ، ހިތް، ފުރަމޭ، ނޭވާލާ ނިޒާމު، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ މީހުން ވެސް މި ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަން ދިނުމަށް ކަމާގުޅޭ ތަޖްރިބާ ކާރުން ލަފާދެ އެވެ.