ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ވީނިއުސް އަށް އެނގިފައިވާ މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރީ ގދ. ގައްދޫ މުހައްމަދު ދިފްރާން އެވެ.

އޭނާ ހައްޔަރުކުރުމަށް ފުލުހުން މިއަދު ވަނީ މާލޭގައި އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާއަށް ބަލައި ފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފަ އެވެ.

ޔާމީން ދިރިއުޅޭ ގެ ކައިރީގައި ހުންނަ މިގެ ފުލުހުން ބަލައި ފާސްކުރީ މިއަދު ހައްޔަރުކުރި މީހާ އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގަ އެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިންނެވެ. ފުރަތަމަ ޔާމީން ފެނިފައިވަނީ އެގޭގައި ދިރިއުޅޭ މީހަކަށެވެ.

ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު މެޔަށް އެކަނިވެސް 14 ހަމަލާއެއް ވަނީ ދީފަ އެވެ.

ޓްވިޓާގައި "ބަސްނާހާ ލިޔުންތެރިޔާ"ގެ ނަންދީފައިވާ ޔާމީން ރަޝީދަކީ "ދަ ޑެއިލީ ޕެނިކް"ގެ އެޑިޓަރެވެ. އަދި އޭނާ އަކީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ ހަތްވަނަ ދުވަހަށްފަހު ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާންގެ އެންމެ ގާތް ރަހްމަތްތެރިޔާ އެވެ.