ތާރީޚީ ދަތުރުފުޅެއްގައި ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ މިއަދު ޣައްޒާއަށް ވަޑައިގެންފިއެވެ.

މިއީ 2015 ވަނަ އަހަރުގެ ފަހުން ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ ޣައްޒާއަށް މިވަޑައިގެންނެވީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި، ހުޅަނގު އައްސޭރީގައި ވެރިކަން ކުރައްވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތުހު ޖަމާއަތް އެއްގަލަކަށް އެރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުންނެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ ގެ އަރިހުގައި ފަލަސްތީނު ސަރުކާރުގެ ކެބިނެޓްގެ ހުރިހާ ވަޒީރުންވެސް މިއަދުވަނީ ޣައްޒާއަށް ވަޑައިގެންފައެވެ.

ކެބިނެޓްގެ މިހަފްތާގެ ބައްދަލުވުން ޣައްޒާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބޮޑުވަޒީރުގެ އަރިހުގައި ފަލަސްތީނު ސަރުކާރުގެ ކަމާބެހޭ އެހެން ވެރިންވެސް ވަޑައިގެންނެވިއެވެ.

ކެބިނެޓް ޖަލްސާއެއް ބޭއްވުމުގެ އިތުރުން، ހަމާސްގެ ވެރިންނާއެކު ބާއްވާ މަޝްވަރާތައް މިއަދު ފެށުމަށް ހަމަޖެހިފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ހަމާސް ޖަމާއަތަކާއި ފަތުހު ޖަމާއަތާ ދެމެދު ބޭއްވެމުންދާ އެއްގަލަކަށް އެރުމުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ މިސްރު ސަރުކާރުގެ އޮފިޝަލުންވެސް އިއްޔެވަނީ ޣައްޒާއަށް ވަޑައިގެންފައެވެ. މިސްރު ވަފުދުގައި ހިމެނިގެން މިސްރުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ހާޒިމް ޚައިރަތުވެސް އިއްޔެވަނީ ޣައްޒާއަށް ވަޑައިގެންފައެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ، ވަފާއިން ބުނެފައިވަނީ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިއްޔެ ހަވީރުގެ ވަގުތެއްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ފޯނުން ގުޅުއްވައި، މިއަދު ފަށާ މަޝްވަރާތަކުގެ އެންމެފަހުގެ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޣައްޒާގައި ބާއްވާ މަޝްވަރާތަކުގެ މައިގަނޑު ކަމަކަށް އޮންނާނީ ޣައްޒާ ހިންގުން ފަލަސްތީނު ސަރުކާރުގެ ޒިންމާގެ ދަށަށް ގެންދިއުމާ ގުޅޭގޮތުން ކަމަށް ވެއެވެ.

2007 ވަނަ އަހަރުން ފެށިގެން ހަމާސްއިން ޣައްޒާގައި ކުރަމުންދިޔަ ވެރިކަން ނިންމާލައި، ޣައްޒާ ހިންގުން ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ސަރުކާރާ ހަވާލުކުރަން ހަމާސްއިން މިހާރުވަނީ އެއްބަސްވެފައެވެ.