ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށުގެ އުތުރުކޮޅުގައި އޮންނަ ކުޅި ހިއްކުމަށް އީއައިއޭ ރިޕޯޓް އެޕްރޫވްކޮށް ހުއްދަދިނީ އާއްމުކޮށް އަމަލު ކުރަމުން އަންނަ ގޮތާއި ހިލާފަށް ކަމުގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނަން ހާމަކުރައްވަން ބޭނުން ނުވާ އެއޮފިޝަލް ވިދާޅުވީ، ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިޔުމުގައި ހަދާ އެންވަޔަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓަށް ރިއާޔަތްކޮށް އެމަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ހުއްދަ ދިނުމާއި ނުދިނުން އެއީ އާއްމު އުސޫލެއްގެ ގޮތުން އީޕީއޭއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އީޕީއޭގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހުމެއް އޮތްނަމަ އެކަމެއް ހުށައަޅަން ޖެހެނީ އެންވަޔަރަމަންޓް މިނިސްޓަރަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެހެން ނަަމަވެސް މިފަހަރު އީޕީއޭ ރިޕޯޓް އެޕްރޫވްކޮށް ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއާޕޯޓުއެޅުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހުއްދަދެއްވައި ސޮއިކުރެއްވީ ސީދާ އެންވަޔަރަމަންޓް މިނިސްޓަރު ކަމަށާއި، އެކަމާއި ގުޅޭ ގޮތުން އީޕީއޭއަށް އެތައް ސަތޭކަ ޝަކުވާއެއް ލިބިފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމުގައި އެއޮފިޝަލް ވިދާޅުވި އެވެ.

އަދި އެކަމާއިމެދު ޝަކުވާއެއް އޮތްނަމަ ރަސްމީގޮތުން އެކަން ބަލާނެ ފަރާތެއް ދެން ނޯންނާނެ ކަމަށާއި ދެން ހުށައަޅަންޖެހޭނީ ކޯޓަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ކުޅި ހިއްކުމުގެ ސަބަބުން ތިމާވެށީގެ ގޮތުން އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި އީއައިއޭ ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކާލުމާއި ދެކޮޅަށް ތިމާވެއްޓަށް ލޯބި ކުރާފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް ކުޅުދުއްފުށީގައި ދިރިއުޅޭ އެރަށުގެ ރައްޔިތުން އެއާޕޯޓު އެޅުމަށް ކުޅި ހިއްކުމަށް ތާއީދުކުރެއެވެ.

ކުޅުދުއްފުށީގައި ހުރި ބޮޑު ދެސްކޫލު ކަމުގައިވާ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލަކީވެސް ކުޅިން ބިން ހިއްކައި އިމާރާތްކޮށްފައިވާ ދެތަނެވެ.