މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އޭނާގެ ލޯބިވެރިޔާ އަށް ދަރިއަކު ލިބުނުކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފި އެވެ.

އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ 32 އަހަރުގެ ރޮނާލްޑޯ އާއި 22 އަހަރުގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒް އަށް ލިބުނީ އަންހެން ކުއްޖެކެވެ. މިއީ ރޮނާލްޑޯގެ ހަތަރުވަނަ ދަރިފުޅެވެ. އަދި ޖޯޖީނާގެ ފުރަތަމަ ދަރިފުޅެވެ. އަންހެން ދަރިފުޅެއް ލިބުމުގެ އުފާ ފާހަގަކުރާ ކަމަށް ބުނެ ރޮނާލްޑޯ ވަނީ އެ ދަރިފުޅުގެ މަންމަ އާއި ދަރިފުޅާއި، ރޮނާލްޑޯގެ ދޮށީ ދަރިފުޅު، ރޮނާލްޑޯ ޖޫނިއަ އާއި އެކު ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓްގްރާމްގައި ޝެއާ ކޮށްފަ އެވެ.

ޖިއޮޖީނާ އޭނާގެ އަލަތު ދަރިފުޅު އުރާލައިގެން އިންނަ މަންޒަރު ދައްކައިދޭ މިފޮޓޯގެ ތަފްސީލަކަށް ރޯނާލްޑޯ ލިޔެފައިވަނީ "އަލާނާ މާޓީނާ އިސް ޖަސްޓް ބޯން" މިހެންނެވެ. އަދި ޖިއޯ އާއި އަލާނާގެ ހާލު ރަނގަޅު ކަމަށާއި، އެންމެންވެސް މިތިބީ ވަރަށް އުފާވެފައި ކަމަށް ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ސްޕެއިންގެ މެޑްރިޑްގައި ހުންނަ ކުއިރޯން ޔުނިވާސަލް ހޮސްޓިޕަލްގައި ޖިއޮޖީނާ އެޑްމިޓްކޮށްފައިވާތީ ދެ ފަރާތުގެ އާއިލާގެ މެންބަރުންވެސް މިހާރު ވަނީ އެތަނަށް ޒިޔާރަތްކޮށްފަ އެވެ. ޖިއޮޖީނާ އަކީ ސްޕެއިނާއި އަދި އާޖެންޓީނާއަށްވެސް ނިސްބަތްވާ މީހެކެވެ.

ރޮނާލްޑޯ ބުނީ ބައްޕައަކަށް ވުމަކީ ވަރަށް އުފާވެރި ތަޖްރިބާތަކެއް ކަމަށެވެ. މިއަހަރުގެ ޖޫން މަހުވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ އާއިލާއަށް އިތުރު ދެ މެންބަރުން އިތުރުވިކަން އިއުލާން ކޮށްފަ އެވެ. އެއީ އެމެރިކާގެ ހޮސްޕިޓަލެއްގައި އުފަންވި އެއްމާބަނޑު ދެބެން ކަމަށްވާ އިވާ އަދި މާޓިއޯ އެވެ.

މި ދެކުދިންނަކީ ރޮނާލްޑޯ ދަރިފަނި ބޭނުންކޮށްގެން އެހެން މީހެއްގެ ބަނޑުން އުފަންކުރި ސަރޮގޭޓް ދެ ދަރިންނެވެ. މި ކުދިންވެސް ދިރިއުޅެނީ ރޮނާލްޑޯއާއި އެކު މެޑްރިޑްގައެވެ. ރޮނާލްޑޯގެ ދޮށީ ދަރިފުޅު، ހަތް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއަރ، އަކީ ވެސް ސަރޮގޭޓް ދަރިއެކެވެ.