އަތިރީގޭ މުހައްމަދު އަމީނު 1953 ވަނަ އަހަރު ދިވެހިރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމުކުރައްވައިގެން އުޅުއްވިއިރު އެމަނިކުފާނަށް ހަޖޫކިޔައިގެން ވަރަށް ގިނަ ބަޔަކަށް ބޮޑެތި އަދަބު ލިބުނެވެ. އޭގެތެރެއިން އެންމެ މަޝްހޫރު އެކަކީ އާދަންފުޅޭ ކިޔުނު މީހެކެވެ. މާލޭ މީހެކެވެ. ރައްޓެހީން ގިނަ ޒުވާނެކެވެ. އަމީނަށް ފާޑުކިޔުންތައް އަމާޒުވާން މެދުވެރިވި ކަންކަމުގެ ތެރެއިން އެއްކަމަކީ ގޮމާގޭ ސީދީގެ އަތް ކެޑުއްވުމެވެ. މިކަމަކީ މާލޭގެ ވަރަށް ގިނަބައެެއްގެ ނަފްރަތު އެމަނިކުފާނަށް ރައްދުވި ކަމެކެވެ. ގޮމާގޭ ސީދީގެ އަތް ކެޑުއްވީ އިސްލާމީ ސަރިޔަތް ގާއިމު ކުރެއްވުމުގެ ނަމުގަައެވެ. ސީދީ ކުރެއްވި ކަމެއް ކުރެެއްވީ މަޖަލަކަށެވެ. އަޖުމަ ބައްލަވައިލެއްވުމަށެވެ. ވައްކަމަކަށްވެސް ނުވާ ކަމެކެވެ. ދައުވާކުރާން ތިބި މީހުން ދައުވާއެއްވެސް ނުކުރިއެވެ. އެކަމަކުވެސް ދައުލަތުގެ ފަރާތުން މުހައްމަދު އަމީނު ދައުވާ ކުރައްވައިފިއެވެ.

ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރައްވައިގެން މުހައްމަދު އަމީނު އުޅުއްވިޔަސް އިހުގެ ރަސްކަމުގެ އާދަތަކުގެ ތެރެއިން އެމަނިކުފާނު ހިތްޕުޅާވާ ބައެއް އާދަތައް ދެމެހެއްޓެވިއެވެ. އޭގެތެރެއިން އެއްކަމަކީ ހިއްޗަށްވަޑައިގަތުމެވެ. ހިއްޗަށްވަޑައިގަތުމަކީ ވަކި ޚާއްސަ ދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައް އަދާ ކުރެއްވުމަށް ރަދުން ހަތްކޮޅު ނަންގަވައިގެން ޚާއްސަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީ އިއްޒަތުގައި ވަޑައިގަތުމެވެ.

އެއްފަހަރަކު މާރީއްޗެއްކޮށް ނަލަހެދިވަޑައިގެން މުހައްމަދު އަމީނު ހިއްޗަށްވަޑައިގެންނެވީމާ މިތަން ދެކޭން ހުރެފައި އާދަންފުޅު ބުންޏެވެ. ނަމުގައި ރައްޔިތުންގެ ޖުމްހޫރީ ވެރިކަމެވެ. ކަމުގައި ދެއްކުންތެރި ރަސްކަމެވެ. ނަން ބަދަލުވިޔަސް ކަން ބަދަލެއް ނުވެއެވެ. މިއަޑު އަހާން ތިބި މީހުންގެ ތެރެއިން މީހަކު މުހައްމަދު އަމީނުގެ ކަންފަތްޕުޅަށް މިވާހަކަ އަރުވައިފިއެވެ. އަމީނު އިސްކުރެއްވީ މާވަރުގަދަ ކޯފާއެކެވެ.

އާދަންފުޅަށް ނުކުރާ އަނިޔާއެއް ނެތެވެ. ބަނޑޭރިގޭ އަށިގޭގައި ބާއްވައިގެން ހަމައެކަނި ތެޅީއެއްނޫނެވެ. މާފަންނުކޮޅުގައި އޮންނަ އާދަންފުޅުގެ ގޯއްޗެއްވެސް އޭނާގެ ކިބައިން ވަކިކޮށް އެހެން މީހަކަށް ދީފިއެވެ. އާދަންފުޅު ބަރުބާދުކުރުމަށްޓަކައި ކޮށްފައި ނުކުރާކަށް އެއްކަމެއްވެސް ނެތެވެ. އުއްތަމަފަޑިޔާރަކަށް ހުންނެވީ ޖަލާލުއްދީނެވެ. އަމީނު ބޭނުންފުޅުވާ ހުރިހާ ގޮތަކަށް ފަޑިޔާރުގެއިން ދިޔައީ ނިޔާ އިއްވަމުންނެވެ. އާދަންފުޅުގެ އެންމެ ގާތް އެކުވެރީންގެ ތެރޭގައި ނުފޫޒުހުރި ކެރޭ އިލްމުވެރި ބޭފުޅުންވެސް ތިއްބެވިއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ޝައިޚް މުހައްމަދު ޖަމީލެވެ.

ބައްލަވާން ހުންނަވާފައި ކެތްނުކުރެއްވިގެން ޝައިޚް ޖަމީލު ހަރުކޮށް ހިންގަވާފައި އަތިރީގެއަށް ވަޑައިގެން މުހައްމަދު އަމީނަށް ދެންނެވިއެވެ. މަނިކުފާނު ތިޔަ ކުރައްވާ ކަންކަން ދެކޭން ތަގުދީރު އެހުންނަނީ ހީލަހީލައެވެ. އެތަގުދީރު އައިސް ހިފާ ދުވަހަކުން މަނިކުފާނަށް ކުރެއްވޭނޭ ހަމަކަމެއްވެސް ނޯންނާނެއެވެ. މިބަސް ދަންނަވައިފައި ޝައިޚް ޖަމީލު ނުކުމެވަޑައިގެންފިއެވެ. މިގޮތަށް މިވާހަކަ ދެންނެވުމުގެ ހިތްވަރާއި ކެރުން ޖަމީލުގެ ކިބައިގައި ހުއްޓެވެ. އެއީ ގަޓު ހުރި ބޭފުޅެކެވެ. އެކަން ނާސިރުގެ ދައުރުގައި އުއްތަމަފަޑިޔާރަކަށް ހުންނަވައިގެންވެސް ޝައިޚް ޖަމީލު ދެއްކެވިއެވެ.

ޝައިޚް ޖަމީލު މިވާހަކަ ދެންނެވިތާ ގިނަ ދުވަސްތަކެއްނުވެ އަމީނުގެ ޖުމްހޫރިއްޔާގައި ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ. އަމީނުގެ އާރާއި ބާރަށް ނިމުން އަތުވެެއްޖެއެވެ. އެންމެފަހުން މާލޭގެ ރައްޔިތުން ނުކުމެ ދުސްތޫރީ ހަމަތަކުން ބޭރުގައި އަމީނުގެ މައްޗަށް ނިޔާ އިއްވައި ހަމައެވަގުތުމެ މުލައްދަނޑީން އެ ނިޔާ ތަންފީޒުވެސްކޮށް ނިންމައިފިއެވެ. އަމީނަށް ލިބިވަޑައިގެންނެވި އަނިޔާގެ ވާހަކަ ލިޔާކަށް ނެތީމެވެ. ފޭރާމެއްވެސް ނެތި މެހިމާބުރު ފޮށޭން އަނގަމަތި ބައްތެއްޔެގެ ތެރެޔަށް އެއްލާލެވިފައި އޮންނެވިގޮތް ސިފަކުރާކަށްވެސް ނެތީމެވެ. އެއީ ލިޔަމުންމިދާ ވާހަކަޔަށް ކޮންމެހެން އިތުރުކުރާންޖެހޭ ބައެއްކަމަށް ނުދެކޭތީއެވެ.

މަންޒަރުދެކޭން ވަރަށް ގިނަބަޔަކު އަތިރިމައްޗަށް ޖަމާވިއެވެ. އޭގެތެރޭގައި އާދަންފުޅަށް އަމީނު ކުރެއްވި އަނިޔާ ދުށް މީހުންވެސް ތިއްބެވެ. އެކަމާ ގުޅިގެން ޝައިޚް ޖަމީލު އަތިރީގެއަށް ވަޑައިގެން އަމީނަށް ދެންނެވީ ކޮން ވާހަކަފުޅެެއްކަން އެނގޭ މީހުންވެސް ތިއްބެވެ. އެހެންވީމާ އެމީހުންގެ ދުލުން އެދުވަހު ވަރަށް ގިނައިން އެވާހަކަ ބޭރުވިއެވެ. މިވާހަކަ ހަމަ މިގޮތަށް ޝައިޚް އަލީ ހުސައިންދީދީ ވިދާޅުވެގެން އަޑުއެހި ބައެެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ލިޔެ ޗާޕުކުރެވިފައި ނެތެއްކަމަކު މިއީ ހަގީގީ ވާހަކައެކެވެ.

މިވާހަކަ މިއަދު ލިޔުމުގެ ބޭނުމަކީ މީހަކު ނުވަތަ ބަޔަކު ކިތަންމެ މޮޅު ތަދުބީރެއްކުޅަޔަސް ތަގުދީރާއި ނުކުޅެވޭނޭކަމުގެ މިސާލު އަހަރެމެންގެ އަމިއްލަ ތާރީޚުގެ ތެރެއިން ނެރެ ދެއްކުމެވެ. އާރާއި ބާރަކީ ވަގުތީ އެއްޗެއްކަމާއި ވަގުތީ ބާރެއްގެ މަސްތުގައި އަނިޔާވެރިކަން އިސްކުރީމާ އާޚިރުގައި އޭގެ ހިތި ނަތީޖާ ފެންނާނޭ ކަމުގެ ހެކި ދެއްކުމެވެ. މީސްމީހުންގެ ހަލާލު އާމްދަނީއަށް ހުރަސްއަޅައި ވަޒީފާތަކުން ވަކިކޮށް އަނިޔާވެރިކަން އިސްކުރާއިރު އަދި އެއަނިޔާތަކުގައި ބައިވެރިވެ އޭގައި ސިއްކަޖަހައިދޭއިރު ތަގުދީރު ހީލަހީލައި ހުންނަކަމާއި އެތަގުދީރު އައިސް ހިފީމާ ދެން ދެއްކޭނެ ބާރެއް ނޯންނަކަން ބުނެދިނުމެވެ. މިއީ ޝައިޚް ޖަމީލު ވިދާޅުވިހެން ބަދަލުނުވެ ކަންހިގަމުން އަންނަ މަގެވެ. މިމަގުން ހިގާން ނުޖެހޭ ޖައްބާރު އަނިޔާވެރިޔަކު މިދުނިޔެއަކަށް އަދި އުފަން ނުވެއެވެ.