ނިއުކުލިއަރ ސުވިޗު އަބަދުމެ މޭޒުމަތީގައި އަތްފޯރާފަށުގައި އޮންނަ ވާހަކަ އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮން އުން ދައްކަވައިފިއެވެ. ކަލޭގެ ސުވިޗަށްވުރެ މާބޮޑު މާވަރުގަދަ ސުވިޗެއް އަހަރެންގެ އަތުގައި އެބައޮތޭ، ހީކުރާގޮތް ދޮތައޭ ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެވާހަކަފުޅަށް ރައްދުވެސް ދެއްވައިފައެވެ. މި ލިޔުމުގެ މަގްސަދަކީ އެންމެ ވަރުގަދަ އެންމެ ބޮޑު ސުވިޗެއް އޮތީ މީގެ ތެރެއިން ކާކުގެ އަތުގައިކަން ބުނެދިނުމެއް ނޫނެވެ. މަގްސަދަކީ އެބޭފުޅުން އިޝާރާތްކުރައްވާ ނިއުކުލިއަރ ސުވިޗަކީ ނުވަތަ ބަޓަނަކީ ވުޖޫދުގައިވާ އެއްޗެއްތޯ ނުވަނަ ނޫންތޯ ބުނެދިނުމެވެ.

ރައީސް ޓްރަމްޕު އެވިދާޅުވާ ނިއުކުލިއަރ ބަޓަނަކީ ވުޖޫދުގައިވެސް ނުވާ އެއްޗެކެވެ. އޭނާ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެކެވެ. އެމެރިކާގެ ނިއުކުލިއަރ ހަތިޔާރަކީ ހަމަ އެންމެ ފަރުދަކު ސުވިޗަކަށް ފިތާލައިގެން އުދުއްސައިލެވޭ ގޮތަށް ހުންނަ ތަކެއްޗެއް ނޫނެވެ. އެތަކެތީގެ ކޮންޓްރޯލް ފަރުމާކުރި ބަޔަކު އެކަންކޮށްފައިވަނީ ޓްރަމްޕު ފަދަ ބޭފުޅުންވެސް ވައިޓްހައުސްއަށް ވަޑައިގަންނަވާނެކަން ސިކުނޑީގައި ބަހައްޓައިގެންނެވެ. އެހެންވީމާ ޓްރަމްޕު ހިތްޕުޅަށް އެރިހާވަގުތެއްގައި ބޭނުންފުޅުވާހާ ތާކަށް ނިއުކުލިއަރ މިސައިލް އުދުއްސައެއް ނުލެވޭނެއެވެ. އެއީ ނުވާނެ ކަމެކެވެ.

ޓްރަމްޕުގެ އޯވަލް އޮފީހުގައި ހުންނަ އޭނާގެ މޭޒުމަތީގައި ރަތް ސުވިޗެއް އެބަހުއްޓެވެ. އެކަމަކު އެއީ ނިއުކުލިއަރ މިސައިލު އުދުއްސައިލާ ސުވިޗެއް ނޫނެވެ. އެއީ ޓްރަމްޕަށް ފެންފޮދެއް ނޫނީ އެޒާތުގެ އެނޫންވެސް އެއްޗެއް ބޭނުންފުޅުވީމާ އެކަމަށް ޚާއްސަ ކުރެވިފައިވާ ޚާދިމަކަށް އަންގައިލުމަށް ބޭނުންކުރެވޭ ސުވިޗެކެވެ. އެސުވިޗަށް ފިތާލައިގެން ނިއުކުލިއަރ މިސައިލް އުދުއްސައިލެވޭނަމަ އެފަދަ މިސައިލުތަކާއި ހަވާލުވެގެން ތިބޭނީ ވޭޓަރުންނާއި ކައްކާ މީހުންނެވެ.

ނިއުކުލިއަރ ހަތިޔާރެއް ބޭނުންކުރާން ޖެހިއްޖެނަމަ އެކަމަށް އަމުރު ކުރައްވާނީ ރައީސެވެ. އެކަމުގައި އޮޅުމެއްވެސް ނެތެވެ. އެފަދަ ހަތިޔާރެއް މިހާރު ބޭނުންކުރާން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އަމުރުކުރައްވާނީ ރައީސް ޓްރަމްޕެވެ. އެންމެފަހުގެ ނިންމެވުން އޮތީ އޭނާގެ އަތްޕުޅުމަތީގައެވެ. އެހެންވިޔަސް މިއީ އެހެންބަޔަކާ ނުލައި އަދި ތަޖުރިބާކާރުންގެ ލަޔަފާއި އިރުޝާދާއި ބައިވެރިވުމެއް ނެތި ކުރެއްވޭނޭ ކަމެއް ނޫނެވެ.

ނިއުކުލިއަރ ހަތިޔާރެއްގެ ބޭނުން ހިފާން ޖެހިދާނޭ އޮތީ ދެ ހާލަތެކެވެ. އެއްހާލަތަކީ ޓްރަމްޕު ހަމަމިހެން ހުންނަވާފައި ކޮންމެވެސްތާކަށް މިސައިލެއް އުދުއްސައިލާން ބޭނުންފުޅުވުމެވެ. ހަމަޔަގީނުންވެސް މިއީ އަސްކަރިއްޔާގެ ވެރީން އެއްބަސްވެވަޑައިގަންނަވާނޭ ކަމެއް ނޫނެވެ. ދެވަނަ ހާލަތަކީ ކޮންމެވެސް ގައުމަކުން އެމެރިކާއަށް ނިއުކުލިއަރ ހަމަލައެއްދޭން އުޅޭކަން ކަށަވަރުވީމާ ޓްރަމްޕަށް މިވާހަކަ ދަންނަވައިގެން އެންމެން އެއްބަސްވެގެން އެގައުމަކާ ދެކޮޅަށް އިސްވެ މިސައިލެއް ނުވަތަ މިސައިލްތަކެއް އުދުއްސައިލުމެވެ. މިއީ ވެދާނެކަމެކެވެ. މިހާލަތުގައި ޓްރަމްޕަށް ލަފާއަރުވަން މަދަނީ މުޝީރުންނާއި އަސްކަރީ މުޝީރުންވެސް ތިއްބަވާނެއެވެ. އޭގެތެރޭގައި އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑަށް ނިސްބަތްވާ އިސް ޖެނެރަލުންވެސް ހިމެނިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ދެމިއޮތުމަށް ނުރައްކާވެއްޖެކަމަށް އަދި ނިއުކުލިއަރ ހަތިޔާރު ނޫން އެހެން އެއްވެސް މަގެއް ނެތްކަމަށް އެންމެންނަށްވެސް އިއްތިފާގު ވެވުނީމާ ދިފާއީވުޒާރާއަށް ރައީސް ފޮނުއްވާނީ މިކަމުގެ އަމުރެވެ. އެހިސާބުން އަދި ނުނިމޭނެއެވެ. ދިފާއީވުޒާރާގައި މިފަދަ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބޭ ސިފައިންގެ އެންމެ އިސް އޮފިސަރު މިއީ ހަމަ ހަގީގަތުގައިވެސް ރައީސްގެ ފަރާތްޕުޅުން އައި ސައްހަ އަމުރެއްތޯ ޔަގީންކުރާނެއެވެ. މިކަން ޔަގީންކުރުމަށް ޕެންޓަގަނުން ރައީސަށް ފޮނުވާނީ ޒާތެއްގެ ކޯޑު ސިގުނަލްތަކެކެވެ. މި ސިގުނަލްތަކަށް ރައީސްގެ ފަރާތްޕުޅުން ދެއްވާ ޖަވާބަކީވެސް ކޯޑު ޖަވާބެކެވެ. އެކޯޑު ރައްކާކުރެވިފައިވަނީ ކުޑަވަރެއްގެ ކަޅުބްރީފްކޭހެއްގައެވެ. ރައީސް ވަޑައިގަންނަވާހާތާކަށް އެބްރީފްކޭސް ހިފައިގެން ސިފައިންގެ މީހަކު ދާނެއެވެ. މީގެ ތެރޭގައި ރައްކާކުރެވިފައިވާ ކޯޑު ޕެންޓަގަނަށް ފޮނުވައިލުމުން އެތަނުގައި ތިބޭ އޮފިސަރުންނަށް މިއީ ރައީސްގެ ސައްހަ އަމުރެއްކަން ކަށަވަރުވީއެވެ.

ވަރަށް ގިނަމީހުން ހީކުރަނީ މިބްރީފްކޭހަކީ ނިއުކުލިއަރ ހަތިޔާރުގެ ކޮންޓްރޯލް ރައްކާކުރެވިފައިވާ އެއްޗެއްކަމުގައެވެ. ބްރީފްކޭހުން ނިއުކުލިއަރ މިސައިލްތައް އުދުއްސައިލެވިދާނެކަމުގައެވެ. އެކަމަކު އެއީ ކުށްހީއެކެވެ. މިބްރީފްކޭހަކީ ޕެންޓަގަނަށް ރައީސް އެންމެ ފުރަތަމަ ފޮނުއްވާ އަމުރުގެ ސައްހަކަން ކަށަވަރުކުރުމަށް އެންމެފަހުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭ ކޯޑު ރައްކާކުރެވިފައިވާ ފޮށްޓެވެ. އެހެން އެއްޗެއް ނޫނެވެ.

ނިއުކުލިއަރ ހަމަލައެއް ދިނުމަށް އޮންނަނީ އެންމެ ގޮތެއް ނޫނެވެ. ވަރަށް ގިނަ ގޮތްގޮތަށް އެފަދަ ހަމަލައެއް ދެވިދާނެއެވެ. ކަނޑުގެ އަޑީގައި އޮންނަ ސަބްމެރީނަކުންވެސް ނިއުކުލިއަރ މިސައިލެއް އުދުއްސައިލެވިދާނެއެވެ. އެއްގަމުގައި ގާއިމުކުރެވިފައިވާ ހަރަކުންވެސް އުދުއްސައިލެވިދާނެއެވެ. އަދިކިޔެއްތަ އުދުހެމުންދާ މަތިންދާބޯޓަކުންވެސް ނިއުކުލިއަރ ބޮމެއް ވައްޓައިލެވިދާނެއެވެ. ނިއުކުލިއަރ ހަތިޔާރެއްގެ ބޭނުން ހިފާންޖެހިއްޖެނަމަ އެކަންކުރާނެގޮތާއި ބޭނުންކުރާނެ ވަސީލަތްވެސް ނިންމާނީ މަޝްވަރާކޮށްގެންނެވެ. ކުރިން ބަޔާންކުރެވުނު އުސޫލުގެ ތެރެއިން ރައީސް މިކަމަށް އަމުރު ކުރައްވައިގެން އެއަމުރުގެ ސައްހަކަންވެސް ކަށަވަރުކޮށްގެން ޕެންޓަގަނުން ދެން މިކަމުގެ މެސެޖު ކޯޑުބަހުރުވައިން ފޮނުވާނީ ހަމަލާގައި ޝާމިލްކުރަން ބޭނުންވާ ފަރާތަށެވެ. އެއީ ސަބްމެރީނެއްވިއްޔާ އޭގެ ފަޅުވެރީންނަށެވެ. އެނޫން އެއްޗެއްވިއްޔާ އެޔާއި ހަވާލުވެގެންތިބޭ ބަޔަކަށެވެ.

ކޯޑުބަހުރުވައިން މިމެސެޖު ލިބުނީމާ ދެން އޮންނާނީ އުޅަދުގެ ކޮންމެވެސްތަނެއްގައި ވަރަށް ރައްކާތެރިކަމާއެކު ފޮރުވާފައި އޮންނަ ފޮށްޓެއްގައި ރައްކާކުރެވިފައިވާ ކޯޑުތަކާއި މިކޯޑުތައް ދިމާވޭތޯ ބެލުމެވެ. އެކަމުގައި ފަޅުވެރީންގެ ތެރެއިން މަދުވެގެން ހަތަރުފަސް މީހުން ޝާމިލްވާނެއެވެ. ކޯޑުގެ ސައްހަކަމާމެދު މިއެންމެންވެސް އިއްތިފާގުވާންޖެހޭނެއެވެ. އެކަކު އިއުތިރާޒުކުރިޔަސް އެކަމެއް ނުވާނެއެވެ. މިސައިލު އުދުއްސައެއް ނުލެވޭނެއެވެ. އެއްގަމުގައި ގާއިމުކުރެވިފައިވާ ހަރުތަކުން އުދުއްސައިލިޔަސް އެއާ ހަވާލުވެގެން ތިބޭ ހުރިހާ މީހުން މިކަމަށް އެއްބަސްވެ އެއްވަގުތެއްގައި އެމިސައިލެއްގެ އިލެކްޓޯނިކް ތަޅު ހުޅުވައިލުމަށް ކޯޑެއް ޖަހަން ޖެހޭނެއެވެ. އެކަކު އެއްބަސްނުވިޔަސް އެކަމެއް ނުވާނެއެވެ.

ނިއުކުލިއަރ ހަތިޔާރަކީ އިންސާނުންގެ ދައުރެއްނެތި އެންމެ މީހަކު ބަޓަނަކަށް ފިތައިލީމާ ކަނޑުގެ އަޑީންނާއި އުދަރެހުންނާއި އެއްގަމުން މިސައިލުތައް އަރައަރައިގެންދާ ގޮތަށް އޮޓޮމެޓިކް ކުރެވިފައިވާ ނިޒާމަކުން ކޮންޓްރޯލްކުރެވޭ އެއްޗެއް ނޫނެވެ. މީގެ ނުރައްކާތެރިކަމާއި ބިރު ބޮޑުކަމުން ހަމަ ކޮންމެ މަރުހަލާއެއްގައިވެސް އެތައްބައެއްގެ ޝާމިލުވުން އޮވެގެން ނޫނީ ބޭނުން ނުކުރެވޭގޮތަށް ހަދައިފައިވަނީއެވެ. ކަޑައްތުކުރާންޖެހޭ މަރުހަލާތައް ގިނަވެފައި ޝާމިލުކުރާންޖެހޭ މީހުންގެ އަދަދު ގިނަވިޔަސް މިކަމަށް ހޭދަވާ ވަގުތު ގިނައެއް ނުވާނެއެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ނިއުކުލިއަރ ހަމަލާއެއްގެ އަމުރު ރައީސްގެ ފަރާތްޕުޅުން ލިބޭ ވަގުތާއި މިސައިލެއް އުދުއްސައިލުމާއި ދޭތެރޭގައި ނަގާނީ ގިނަވެގެން ފަސްމިނިޓެއްހާއިރު ކަމުގައެވެ.

އެމެރިކާގެ ނިއުކުލިއަރ ހަތިޔާރުތައް ކޮންޓްރޯލްކުރުމަށް މިޒާތުގެ ނިޒާމެއް ބޭނުންކުރާއިރު ނިއުކުލިއަރ ހަތިޔާރު ލިބިގެންވާ އެހެން ގައުމުތަކުގައި އޮންނަނީ ކޮންކަހަލަ ނިޒާމެއް ބާވައެވެ. ރަޝިޔާއާއި ޗައިނާގައިވެސް އޮންނަކަމަށް ބުނެވެނީ މިކަހަލަ ނިޒާމެކެވެ. އެއްވެސް އެއްޗެއް އޮޓޮމެޓިކެއް ނޫނެވެ. އެހެންނަމަވެސް މަދަނީ ލީޑަރުންނަށް އޮންނަބާރާއި އަސްކަރީ ލީޑަރުންނަށް އޮންނަބާރުގައި ކޮންމެވެސް ކަހަލަ އުނިއިތުރު ހުރެއެވެ. އިންޑިޔާގައި ނިއުކުލިއަރ ހަތިޔާރާއިގުޅޭ ނިންމުންތައް އަންނާނީ މުޅީންވެސް މަދަނީ ލީޑަރުންގެ ފަރާތުންނެވެ. އެކަމަކު ޕާކިސްތާނުގައި ތަފާތެވެ. ޕާކިސްތާނުގައި ނިއުކުލިއަރ ހަތިޔާރާއިގުޅޭ ނިންމުންތައް އޮންނަނީ އަސްކަރިއްޔާގެ އަތްމަތީގައެވެ.

ދެންއޮތީ އުތުރުކޮރެޔާއެވެ. މޭޒުމަތީގައި އަބަދުވެސް ނިއުކުލިއަރ ރަތްސުވިޗު ތައްޔާރަށް ހުންނަ ކަމަށް ކިމް ޖޮން އުން ވިދާޅުވިޔަސް އެއީ އެކަން އޮންނާނެ ގޮތެއް ނޫނެވެ. ކިމް ޖޮން އުން އަވަހާރަފުޅު ލައްޕަވާފައިވަނިކޮށް ޚާދިމު މީހާ ވަދެ ސުވިޗަށް ފިތާލައިގެން ނިއުކުލިއަރ މިސައިލު އުދުއްސާލެވޭ ގޮތަށް އެގައުމުގައިވެސް މިކަންކަން ފަރުމާކުރެވިފައެއް ނުހުންނާނެއެވެ.