ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުނުކުރުމަށް ލޯކަލް ގަަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގާފައިވަނިކޮށް އެ އެންގުމާ ހިލާފަށް ބޭރުގެ ސަފީރަކާ ބައްދަލުކުރި ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާ ގއ. އަތޮޅު ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އާމްދަނީ ހޯދުމަށް މަހަށް ވަޑަައިގަންނަވަން ފައްޓަވައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލް ރައީސް އަހްމަދު ފުއާދު ވިދާޅުވީ ސަސްޕެންޑް ކުރުމުން ހަލާލް ގޮތުގައި ފައިސާ ހޯދާނެ އިތުރު މަގުވެސް ހޯދާނެ ކަމަށެވެ. އެގޮތުން ކައުންސިލް ދެ މެމްބަރުން ކަމަށްވާ ހުސައިން އާދަމް އާއި އަހްމަދު ނަޒްމީން މިހާރު މަހަށް ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ކައުންސިލްގެ ދެ މެމްބަރުން މަހަށް ވަޑައިގަންނަވަން ފެއްޓެވީ ދެ ކައުންސިލަރުންނަކީ ވެސް މީގެ ކުރިން އެމަސައްކަތުގައި އުޅެފައިވާ ދެ ބޭފުޅުން ކަމަށްވާތީ އާއި އެ މަސައްކަތް ކުރުމުން ހަމަ ޔަގީނުންވެސް ސަސްޕެންޑް ނުކުރާނެތީ ކަމަށެވެ. އަދި އެއީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
"ކުށެއް ނުކޮށް ތިއްބާ ގާނޫނާ ހިލާފަށް އަޅުގަނޑުމެން ސަސްޕެންޑް މިކުރީ. އަސްލު ކުރެވިގެންވެސް ނުވާނެ. އަޅުގަނޑުމެންނަށް ސަސްޕެންޝަން އުވާލާފައި މަސައްކަތްވެސް ކުރެވި ދާނެ. އެކަމަކު އެލްޖީއޭގެ ނިންމުމަށް އިހްތިރާމް ކުރާތީ އަޅުގަނޑުމެން މި ތިބެނީ ސަސްޕެންޝަންގެ މުއްދަތު ހަމަވަންދެން. ދެން ހަލާލު ގޮތުގައި ފައިސާ ހޯދަން ވަކި މަސައްކަތެއް ނޯވޭ ކުރާކަށް. އެހެންވީމަ އމިއްލަ މަސައްކަތް މިކުރަނީ އަޅުގަނޑުމެން ތިން މީހުންވެސް. މި މަސައްކަތް ކުރުމަކުން ހަމަ ޔަގީނުންވެސް ސަސްޕެންޑެއް ނުކުރާނެތާ. ނުވެސް ކުރެވޭނެ." ފުއާދު ވިދާޅުވި އެވެ.
ކައުންސިލްގެ ދެ މެމްބަރުން އާމްދަނީ ހޯދުމަށް މަހަށް ވަޑައިގެންނެވި އިރު ފުއާދު ވިދާޅުވީ އާމްދަނީ ހޯދުމަށް އޭނާ ކުރައްވާ މަސައްކަތަކީ ވަޑާން ކުރުމުގެ މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތް ކަމަށެވެ.